ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގައި ބުނެފައިވާ ލޭންޑް ޔޫސް ޕްލޭންތައް ސަރުކާރަށް ހުށަހަޅާތާ ދެ މަސް ދުވަސް ތެރޭ ފާސްކުރަން ނުވަތަ ފާސްނުކޮށްފިނަމަ އޭގެ ޒާތުގައި ފާސްވާނެކަމަށް ޤާނޫނަށް އިސްލާހެއް ގެނައުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ދެކޮޅު ހަދައިފިއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސުލުން ހިންގުގެ ގާނޫނަށް ބަހުސް ކުރައްވަމުން ސަލީމު ވިދާޅުވީ، ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބަލާއިރު އެކަމުގެ މަގްސަދު ހާސިލްނުވާ ކަމަށެވެ.
އެގޮތުން 128 ރަށުން މިހާތަނަށް އެއްވެސް ލޭންޑް ޔޫސް ޕްލޭނެއް ސަރުކާރަށް ހުށަހަޅާފައިނުވާ ކަމަށާ އަދި ނާޒިމު ހުށަހެޅުއްވި އިސްލާހުން އެ 128 ރަށަށް ކުރާނެ އެއްވެސް ރާހަތެއް ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލޭންޑު ޔޫސް ޕްލޭން ފާސްކުރާ މުއްދަތު ކުރަސް އޮޓޮމެޓިކުން ނުވަތަ އަމިއްލައަށް އެ ޕްލޭންތައް ފާސްވާ ގޮތަށް ހަމަޖެއްސި ނަމަވެސް މައްސަލަ ހައްލުނުވާނެ ކަމަށެވެ.
ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ކުރިމަތިވެފައިވާ މައްސަލަތަކަކީ ބަޖެޓު ނުލިބުމާއި، އެ ޕްލޭންތައް ހަދާނެ ފަރާތްތައް ނުލިބުމާއި، އެ ޕްލޭނާ ގުޅިގެން ކައުންސިލަރުންގެ މެދުގައި ދެބަސްވުން ބޮޑުވުމާއި ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަމާއި، ރަށުގެ ރައްޔިތުންނާއި ކައުންސިލުތަކުގެ މެދުގައި ދެބަސްވުން އޮތުން ކަން ފާހަގަކުރައްވާ ސަލީމު ވިދާޅުވީ، މިހާރުވެސް ޕްލޭން ހުށަހަޅާފައިވާ 47 ރަށުގައި އުމްރާނީ ތަރައްޤީގެ މުހިއްމު މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ.
ނަމަވެސް އެ ގިންތީގައި ނުހިމެނޭ މަސައްކަތްތައް ނުކުރެވޭ ކަމަށާއި، އެގޮތުން ގޯތި ނުދެވޭކަމަށާއި އެއީ މައްސަލައެއް ކަމަށާއި، އެކަމުގެ ހައްލަކީ ޕްލޭން ފާސްނުވި ނަމަވެސް ޕްލޭނާ ބޮޑު ފުށުއެރުމެއް ނެތް މަސައްކަތްތައް ކުރިއަށްގެންދެވޭނެ ގޮތަށް ޤާނޫނު ހެދުން ކަމަށް ސަލީމު ވިދާޅުވެފައިވެއެވެ. އެހެންކަމުން ހުށަހަޅާފައިވަ އިސްލާހުއަށް ތާއީދުނުކުރާކަން ސަލީމު ފާހަގަކުރެއްވިއެވެ.
ސަލީމުގެ ވާހަކަތަކަށް ބާރު ދެއްވަމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުވެސް ވަނީ ވެސް މި އިސްލާހާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.
އެގޮތުން އިލްޔާސް ވިދާޅުވީ، މައްސަލައިގެ އަސްލަކީ ލޭންޑް ޔޫސް ޕްލޭންތައް ކައުންސިލަށް ނުހެދުން ކަމަށެވެ.
ލޭންޑް ޔޫސް ޕްލޭން ނުހެދިގެން އުޅެނީ މިނިސްޓަރުގެ ސަބަބުން ނޫން ކަމަށާއި، އެ ޕްލޭންތައް ހެދުމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ އިލްޔާސް ވަނީ އެ މަސައްކަތްކުރާނެ ޓެކްނިކަލް މީހުން މަދުވުމަކީ މިކަމުގެ ފަހަތުގައި އޮތް މައްސަލަކަން ފާހަގަކުރައްވާފައެވެ.
އެހެންކަމުން އެކަމަށް އޮތް ހައްލަކީ ކަންކުރާނެ ބަޔަކު ތަމްރީނުކުރުން ކަމަށާ އެގޮތުން ކޮންމެ އަތޮޅަކުން އަދި ރަށަކުން ބަޔަކު ޓްރެއިންކުރަންވީ ކަމަށް އޭނާ ވިދާޅުވިއެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގައި ބުނެފައިވާ ލޭންޑް ޔޫސް ޕްލޭންތައް ސަރުކާރަށް ހުށަހަޅާތާ ދެ މަސް ދުވަސް ތެރޭ ފާސްކުރަން ނުވަތަ ފާސްނުކޮށްފިނަމަ އޭގެ ޒާތުގައި ފާސްވާނެކަމަށް ޤާނޫނަށް އިސްލާހެއް ގެނައުމަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ދަނގެތީގެ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ.