ސަރުކާރުން އަންނަ އަހަރު ވެސް ރޯދަ ހަދިޔާ ދިނުމަށް ތައްޔާރުވުމުގެ ގޮތުން އަތޮޅުތެރޭގެ ރަށްރަށުގެ ގޭބިސީތަކުގެ ދަފުތަރު އަދާހަމަކުރުމުގެ މަސައްކަތް ކައުންސިލްތަކުން ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް އޮތް ރޯދަ މަހު ވެސް ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ދެއްވުމަށް ނިންމަވާފައިވާތީ، ލޯކަލް މިނިސްޓްރީގެ އިރުޝާދުގެ ދަށުން މި މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
މިކަމާ ގުޅިގެން އެކިއެކި ރަށްރަށުގެ ކައުންސިލްތަކުން ވަނީ ގޭބިސީތަކުގެ ދަފުތަރު އަދާކުރުމަށް އާންމުކޮށް އިއުލާންކޮށްފަ އެވެ. މި ދަފުތަރުގައި ޝާމިލުކުރުމަށް ގޭބިސީއެއްކަމުގައި ބަލާނީ ވަކިން ކައްކައި ކައިބޮއި އަދި ދިރިއުޅޭ ދިވެހި ޢާއިލާތަކަށެވެ. ރޯދަ ހަދިޔާ ހޯދުމަށް ކޮންމެ ގޯއްޗަކުން ވެސް ހުށަހަޅަން ޖެހެނީ އެންމެ ފޯމެކެވެ.
ފޯމަށް ބޭނުންވާ މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ ގޭގެ ވެރިފަރާތުގެ ނަމާއި އައިޑީ ކާޑް ނަންބަރާއި ގޭގެ ނަމާއި ގޭގެ ވެރިފަރާތުގެ ފޯނު ނަންބަރާއި ދިރިއުޅޭ ގޭބިސީގެ އަދަދާއި ގޭބިސީގެ މީޓަރު ނަންބަރާއި ގޭގެ ނަންބަރެވެ. ސަރުކާރުން މި އަހަރާއި މިދިޔަ އަހަރު ވެސް ވަނީ ރައްޔިތުންނަށް ރޯދަ ހަދިޔާ ދީފަ އެވެ. މި އަހަރުގެ ހަދިޔާއަކީ ކޮންމެ ގެއަކަށް ތެޔޮ މަސްދަޅު ކޭހެއްގެ އިތުރުން ކަރަންޓް ބިލުން ޑިސްކައުންޓް ދިނުމެވެ.
ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ރޯދަ މަސް ފެށޭނެކަމަށް ބެލެވެނީ ފެބްރުއަރީ މަހުގެ 17 ގަ އެވެ. ނަމަވެސް އަންނަ އަހަރު ރައްޔިތުންނަށް ދެއްވާ ރޯދަ ހަދިޔާއާ ގުޅޭ އެއްވެސް ރަސްމީ މައުލޫމާތެއް ރައީސްގެ ފަރާތުން އަދި ހިއްސާކުރައްވާފައެއް ނުވެ އެވެ. މިކަމުގެ ތަފްސީލުތައް ކައުންސިލްތަކުން ދަފުތަރު އަދާހަމަކުރުމަށް ފަހު ހާމަކުރާނެ ކަމަށް ބެލެވެ އެވެ.



