ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެއަށް ޚާއްސަކޮށް، އެ ސިޓީގެ ސެންޓްރަލް ޕާކުގައި “އައިލަވް އެޗްއެމްއެލް (ހުޅުމާލެ)”ގެ ނަމުގައި އާ މޮނިއުމަންޓެއް ބަހައްޓައިފިއެވެ.
އެޗްޑީސީން ހާމަކުރިގޮތުގައި މިއީ ހުޅުމާލެއަކީ ދުނިޔޭގެ ފެންވަރުގެ ޑެސްޓިނޭޝަންއެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. މި މޮނިއުމަންޓް ރަސްމީކޮށް ހުޅުވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރެވެ.
މި މޮނިއުމަންޓް ބެހެއްޓުމުގެ މަޤްސަދާ ބެހޭގޮތުން ވާހަކަދައްކަވަމުން، އެޗްޑީސީގެ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓް ޑިރެކްޓަރ މަލްޝާ ޝަރީފް ވިދާޅުވީ، މިއީ ހުޅުމާލެއަކީ ޑެސްޓިނޭޝަން ތަނެއްގެ ގޮތުގައި މާކެޓް ކުރުމަށް ބެހެއްޓި މޮނިއުމަންޓެއް ކަމަށެވެ. އެ ކޯޕަރޭޝަންގެ އަމާޒަކީ ހުޅުމާލެއަށް ޚާއްސަ އައިކޯނިކް އައިޑެންޓިޓީއެއް އުފެއްދުމެވެ.
މަލްޝާ ޝަރީފް އިތުރަށް ވިދާޅުވީ، ބޭރުގެ ބޮޑެތި ސިޓީތަކުގައިވެސް އެ ސިޓީ ރަމްޒުކޮށްދޭ އަކުރުތައް ބޭނުންކުރާ ފަދައިން، ހުޅުމާލެ ވެސް އެ ފެންވަރަށް ޕްރޮމޯޓްކުރުމަކީ އެޗްޑީސީގެ މަސައްކަތް ކަމަށެވެ.
އެޗްޑީސީން ހާމަކުރެއްވި ގޮތުގައި، މިހާރު ބެހެއްޓި “އައިލަވް އެޗްއެމްއެލް”ގެ އިތުރުން، ކުރިއަށް އޮތްތަނުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުޅުމާލެ ރަމްޒުކޮށްދޭ އިތުރު މޮނިއުމަންޓްތައް ބަހައްޓާނެއެވެ. އެގޮތުން، “އައިލަވް ހުޅުމާލޭ” އަދި “މަގޭ ހުޅުމާލެ”ގެ ނަމުގައި ވެސް އެކި ކަހަލަ މޮނިއުމަންޓްތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.



