ބ. ފެހެންދޫގައި ފްލޯޓިން އެކަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފެށި މޫދުވިނަ އާލާކޮށް ހެއްދުމުގެ މަޝްރޫޢު ކާމިޔާބީއާއެކު ނިންމާ އެކްސްޕޯޓުކުރުމަށް ތައްޔާރުވެއްޖެއެވެ. 8 މަސް ކުރިން ފެށި މަޝްރޫއުގެ މި ކާމިޔާބީއާ ގުޅިގެން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވަނީ އެ ޓީމަށް މަރުޙަބާ ވިދާޅުވެފައެވެ.
މިނިސްޓަރު ޝިޔާމް ވަނީ ފްލޯޓިން އެކަރސްގެ ޓީމުގެ ބުރަ މަސައްކަތާއި ޤުރުބާނީގެ ނަތީޖާ މިއަދު ފެނިގެންދިޔުމަކީ ރާއްޖޭގެ ބްލޫ އިކޮނޮމީ ތަރައްޤީކުރުމަށް ލިބުނު މުހިންމު ކުރިއެރުމެއްކަން ފާހަގަކުރައްވާފައެވެ. މޫދުވިނަ ހެއްދުމުގެ މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު ތަފާތުކޮށް، ދެމެހެއްޓެނިވި ކަނޑުގެ ސިނާޢަތްތައް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ވިސްނުންފުޅާ އެއްގޮތަށް ކުރާ މަސައްކަތެކެވެ.
މި ކާމިޔާބީއަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ، ކަނޑުގެ ވަސީލަތްތަކުން އިޤްތިޞާދީ ފައިދާ ނެގުމުގެ މަގު ފަހިކޮށްދޭނެ ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. 8 މަސް ދުވަހުގެ ތެރޭގައި އެކްސްޕޯޓުކުރެވޭ ހިސާބަށް މަސައްކަތް ގެންދެވުމަކީ ޓީމުގެ ހިތްވަރު ދައްކުވައިދޭ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޝިޔާމް ވަނީ ފްލޯޓިން އެކަރސް ޕްރައިވެޓް ލިމިޓެޑްގެ ޓީމަށް ކުރިމަގަށްވެސް ކާމިޔާބަށް އެދިވަޑައިގެންފައެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި ކަނޑާ ގުޅިފައިވާ އާ އާމްދަނީގެ މަގުތައް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.



