ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ “ހެލްތު އެކްސްޕޯ 2025” ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. ޞިއްޙީ ވުޒާރާއިން އިސްނަގައިގެން، “ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި” މި ޝިއާރުގެ ދަށުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި އެކްސްޕޯގެ މަޤްޞަދަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ބޭނުންވާ ޞިއްޙީ އާދަތަކަށް އާންމުން ހޭލުންތެރިކުރުމާއި، ޞިއްޙީގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކުރުމާގުޅޭ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރުމެވެ.
މި އެކްސްޕޯ ހުޅުވައިދެއްވުމަށްފަހު ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، ބައިވެރިންގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. މި އެކްސްޕޯގައި މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކުގެ އިތުރުން އަތޮޅުތަކުގެ 5 ރީޖަނަލް ހޮސްޕިޓަލަކާއެކު ޖުމްލަ 50 އަށްވުރެ ގިނަ ސްޓޯލް ބައިވެރިވެފައިވެއެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވާ ގޮތުގައި، އެކްސްޕޯގެ ސްޓޯލްތަކުން ޞިއްޙީ ދާއިރާގެ މަސައްކަތްތަކާގުޅޭ މައުލޫމާތުތަކާއި، މި ދާއިރާއިން ތަޢުލީމް ހާސިލް ކުރުމަށް ހުރި ފުރުސަތުތައް ހިއްސާކުރެވޭނެއެވެ. މީގެ އިތުރުން، ޢާންމުންނަށް ޑޮކްޓަރަށް ދެއްކުމާއި، ހެލްތު ސްކްރީނިންގއާއި، އެކި ބަލިތަކާގުޅޭ މުހިންމު އިރުޝާދުތައް ދިނުމުގެ ހަރަކާތްތައްވެސް މި އެކްސްޕޯގެ ތެރެއިން ކުރިއަށްދާނެއެވެ. އަދި ހެލިފެލިވެ އުޅުމުގެ އެކި ހަރަކާތްތައްވެސް ބައިވެރިންނަށް ފެނިގެންދާނެއެވެ.
މި އެކްސްޕޯގައި ވަކިވަކި އާބާދީތަކަށް ޚާއްސަ ހަރަކާތްތައްވެސް ހިމެނެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ޚާއްސަ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ހަވީރުގައި ކުޑަކުދިންގެ ހެލްތު ޗެކަޕް، މިންހެޔޮ ކާނާއާއި ވެކްސިންގެ މައުލޫމާތު ހިމެނެއެވެ. ހަމައެހެންމެ، ބިދޭސީންނަށް ޚާއްސަކޮށް ޞިއްހަތާއި ގުޅޭ މުހިއްމު މައުލޫމާތާއި ހެލްތު ސްކްރީނިންގގެ އިތުރުން ޒުވާނުންނަށް ޚާއްސަ ހަރަކާތްތަކެއްވެސް ކުރިއަށްދާނެކަމަށް ޞިއްޙީ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.
“ހެލްތު އެކްސްޕޯ 2025” ކުރިއަށްދާނީ މިމަހުގެ 13، 15 އަދި 16 ވަނަ ދުވަހު ކަމަށް ޞިއްޙީ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.



