ކުރިއަށް އޮތް ރޯދަމަހަށް ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް އުފެއްދުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޮންމެ ރަމަޟާން މަހަކުވެސް ރޯދަ ހަދިޔާ ދިނުމަށް ނިންމާފައިވާއިރު، މިދިޔަ ރޯދަމަހެކޭ އެއްގޮތަށް ކުރިއަށް އޮތް ރޯދަމަހުވެސް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. މިކަމަށްޓަކައި މިހާރު ވަނީ ތައްޔާރީތައް ފަށާފައެވެ.
ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސް ދަޅު އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޤައުމީ މަސްކުންފުނި މިފްކޯއިންނެވެ. މިފްކޯއިން ހާމަކުރި ގޮތުގައި، ރޯދަ ހަދިޔާއަށް ބޭނުންވާ މަސްދަޅު އުފެއްދުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މިހާތަނަށް މި މަސައްކަތުގެ 33 އިންސައްތަ ނިމިފައިވާ ކަމަށާއި، އެކުންފުނީގެ އަމާޒަކީ އަންނަ ޖެނުއަރީ މަހުގެ ދެވަނަ ހަފްތާއަށް މި މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް މިފްކޯއިން ބުނެފައިވެއެވެ.
މިދިޔަ ރަމަޟާންމަހު ސަރުކާރުން ވަނީ ޖުމްލަ 111،231 މަސްދަޅު ކޭސް ރޯދަ ހަދިޔާގެ ގޮތުގައި ހަދިޔާކޮށްފައެވެ. އޭގެ ތެރޭގައި މާލޭގެ ގޭބިސީތަކަށް ދިން 50،519 މަސްދަޅު ކޭހާއި، އަތޮޅުތެރޭގެ ގޭބިސީތަކަށް ދިން 60،712 މަސްދަޅު ކޭސް ހިމެނެއެވެ.
މަސްދަޅު ކޭސްގެ އިތުރުން ކުރިއަށް އޮތް ރަމަޟާން މަހަށް އިތުރު ލުޔެއްގެ ގޮތުގައި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.



