ވިލިމާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް އަމިއްލަ ފަރާތެއް ކަމުގައިވާ ފިޔަ ފައުންޑޭޝަނާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ފިޔަ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މުއައްސިސް މުޙައްމަދު ވިޝާމްއެވެ.
މިސްކިތް އެޅުމަށް ހަމަޖެހިފައިވަނީ ވިލިމާލޭގައި މިހާރު ހުރި ދުވަސްވީ މިސްކިތެއް ކަމުގައިވާ މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައެވެ. ފިޔަ ފައުންޑޭޝަންގެ އެހީތެރިކަމާއެކު އަޅާ މި މިސްކިތަކީ ޖާގައިގެ ގޮތުން 850 މީހުންނަށް ނަމާދުކުރެވޭނެ ފަދަ ބޮޑު މިސްކިތެކެވެ.
ޒަމާނީ ފެންވަރަށް އެޅުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދެ ފަންގިފިލާގެ އިމާރާތެކެވެ. ނަމާދުކުރާ ބައިގެ އިތުރުން، މި މިސްކިތުގައި ދެ ކުލާސްރޫމާއި އޮފީސް ބައެއް ވެސް ހިމެނޭނެއެވެ. މިގޮތުން، ދީނީ ތަޢުލީމު ދިނުމާއި މިސްކިތުގެ އިދާރީ ކަންކަން ހިންގުމަށް ވެސް ފަސޭހަ ގޮތްތަކެއް މި މިސްކިތުގައި ހިމެނިގެންދާނެއެވެ.
މިއީ މާލެ ސަރަހައްދުގައި ހުރި ދުވަސްވީ މިސްކިތްތައް ބަދަލުގައި ޒަމާނީ ފެންވަރުގެ އާ މިސްކިތްތައް ބިނާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ބޮޑު މަޝްރޫޢުގެ ތެރޭގައި ހިމެނޭ މުހިއްމު މަޝްރޫއެކެވެ.



