ޕްރެސިޑެންޝަލް ޔޫތް އެޑްވައިސަރީ ބޯޑުގެ އިސްނެގުމުގެ މަތިން، ޔޫތް މިނިސްޓްރީއާ ގުޅިގެން ޒުވާނުންނަށް ހާއްސަ ފެސްޓިވަލެއް ކަމަށްވާ “ސަޅި ފެސްޓް” މިމަހުގެ 27، 28 އަދި 29 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. ޒުވާނުންގެ ހުނަރާއި ވިޔަފާރިތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ބާއްވާ މި ފެސްޓިވަލް ކުރިއަށް ދާނީ މާލޭ ލިލީ މަގުގައި ހުންނަ ޔޫތް ހަބުގައެވެ.
ޔޫތް ހަބުގައި މިފަދަ ބޮޑު އިވެންޓެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. ސަޅި ފެސްޓްގެ މައިގަނޑު މަޤްސަދަކީ ޒުވާން ވިޔަފާރިވެރިންނާއި އާޓިސްޓުންނަށް ފުރުސަތު ދިނުމާއި، އެމީހުންގެ މަސައްކަތްތައް އާންމުންނަށް ދައްކާލުމުގެ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ. މި ފެސްޓިވަލްގައި ޒުވާން ވިޔަފާރިތަކަށް ހާއްސަކޮށް 24 ސްޓޯލް ހުންނާނެއެވެ. މީގެ ތެރޭގައި ވިޔަފާރި ސްޓޯލްތަކާއި ކާ އެއްޗެހީގެ ސްޓޯލްތައް ހިމެނެއެވެ.
ފެސްޓިވަލްގެ ތެރެއިން ބައިވެރިންނަށް ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކުރުމަށްޓަކައި ގިނަ އެކި ކަހަލަ ހަރަކާތްތައް ހިމަނާފައިވެއެވެ. މިގޮތުން، ގޭމް ޒޯނަކާއި، ހިލޭ ކަރޯކޭ ރޫމަކާއި، އަދި ލައިވް ޝޯތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ޒުވާނުންގެ ހުނަރު އިތުރުކުރުމަށްޓަކައި ހިލޭ ކޯޑިން ކްލާސް ފަދަ ޚާއްސަ ވޯކްޝޮޕްތައް ވެސް ހިންގުމަށް ވަނީ ރާވާފައެވެ.



