ކ. ގުރައިދޫގައި ގާއިމުކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ޒަމާނީ ފެންވަރުގެ ހޮލިސްޓިކް މެންޓަލް ހެލްތް ފެސިލިޓީއަކަށް ބަދަލުކޮށް، މުޅި މަރުކަޒު ރީބްރޭންޑް ކުރުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިނިސްޓްރީ އޮފް ހެލްތުއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެޗްޑީސީން ބުނިގޮތުގައި މި މަޝްރޫޢަކީ ސަރުކާރުން، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ދެމުންގެންދާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އަދި މި އެއްބަސްވުމުގެ ދަށުން، ގުރައިދޫގައި މިހާރު ހިންގަމުންދާ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު މުޅިން ބަދަލުކޮށް، ޒަމާނީ ފެންވަރުގެ ހޮލިސްޓިކް މެންޓަލް ހެލްތް ފެސިލިޓީއަކަށް ހެދުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށާއި، މި ބަދަލުގެ ސަބަބުން، ހަމައެކަނި ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ބަދަލުގައި، ފަރުވާ ހޯދާ ފަރާތްތަކަށް ދިރިއުޅުމުގެ ހުރިހާ ގޮތަކުން ދުޅަހެޔޮކަން ހޯދައިދިނުމަށް މަގުފަހިވެގެންދާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން، އެ ތަނުގެ ޑިޒައިންތައް އެކުލަވާލުމާއި، އެކަމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ހިންގާ ބަލަހައްޓާނީ އެޗްޑީސީންނެވެ. އެޗްޑީސީން ވަނީ އެއްބަސްވުމުގައި ސޮއިކުރެވޭ ދުވަހުން ފެށިގެން، 6 މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށް ބުނެފައެވެ.
އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިޔާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާއިލް އަބްދުﷲއެވެ.
އެޗްޑީސީން ވަނީ މިފަދަ ގައުމީ މުހިންމު މަޝްރޫޢުތަކުގައި ބައިވެރިވެ، ރާއްޖޭގެ ތަރައްގީއަށް އެހީތެރިވުމަކީ އެ ކޯޕަރޭޝަންގެ އަބަދުގެ ވެސް އަމާޒެއް ކަމަށާއި، މިފަދަ ސިއްހީ އަދި އިޖުތިމާއީ މަޝްރޫއުތަކަށް އެޗްޑީސީގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބިގެންދާނެ ކަމަށްވެސްް ބުނެފައެވެ.



