ތޫފާން ދީތުވާގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވާ އަވައްޓެރި ސްރީ ލަންކާއަށް އެހީވުމަށް ރާއްޖޭގެ މީޑިއާތަކުން އިސްނަގައިގެން ބޭއްވި ޓެލެތޯން މިއަދު ނިންމާލި އިރު، 11.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަން ހާމަވެއްޖެ އެވެ.
ރާއްޖޭގެ ޖުމްލަ 37 މީޑިއާއެއްގެ ބައިވެރިވުމާ އެކު އިއްޔެ ހެނދުނު 9:00 ގައި ފެށި މި ޓެލެތޯން މިއަދު މެންދުރު ފަހު 2:00 ގައި ނިންމާލިއިރު، އެކައުންޓުތަކަށް ޖަމާވި އަދަދުތަކުން ޖުމްލަ 11,565,152.82 ރުފިޔާ (10،892،357.82ރ. އަދި 43،631.31 ޑޮލަރު) ލިބިފައިވެ އެވެ.
މި ޓެލެތޯނުން ލިބުނު ފައިސާގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވެނީ، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ބެހެއްޓި ފަންޑު ފޮށިތަކުން ލިބުނު ފައިސާ އަދި ގުނައި ނުނިމޭތީ އެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ، މިއީ މެންދުރުފަހު 2:00 އާ ހަމައަށް އެކައުންޓުތަކަށް ޖަމާވި އަދަދު ކަމަށާއި، ޕީއެސްއެމް ފިޔަވައި އެހެން ހުރިހާ ފޮށިތަކެއް މިހާރު ބަންދުކޮށްފައިވާ ކަމަށެވެ. ޕީއެސްއެމްގެ ފޮށިވެސް އެތަނުގައި ތިބި މީހުން ނިމުމުން ބަންދުކޮށް، އެއަށްފަހު ފޮށިތަކުގައި ހުރި ފައިސާ ގުނަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޓެލެތޯނުގެ އިތުރުން ސަރުކާރުން ވެސް ވަނީ އެހީގެ ގޮތުގައި 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަން ނިންމައިފަ އެވެ.



