ދުނިޔޭގެ އެންމެ ބޮޑު ‘ޓްރެއިލާ ސަކްޝަން ހޮޕާ’ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ރާއްޖެ ގެނެސް ކ. ފުށިދިއްގަރު ފަޅުގައި ތަރައްގީކުރަމުން އަންނަ ‘ރަސްމާލެ’ ހިއްކުމުގެ މަސައްކަތުގެ ސްޕީޑު ތިން ގުނަ ހަލުވިކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި މަޝްރޫއަކީ ރާއްޖޭގެ އެންމެ ބޮޑު ކްލައިމެޓް އެޑޭޕްޓޭޝަން މަޝްރޫއަށް ވާނެކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ‘ކްރިސްޓަބެލް ކޮލޯން’ ކިޔާ މި ޑްރެޖަރު އާދިއްތަ ދުވަހު ރަސްމާލެ ސަރަހައްދުގައި މޮބިލައިޒް ކޮށްފައިވާއިރު، ހޯމަ ދުވަހުގެ ފަތިހު ވެލި ނަގަން ފަށާފައިވާކަމަށެވެ. އަދި އިއްޔެ ހެނދުނު ވެލި އަޅަން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރަސްމާލެއަކީ 100 ޕަސެންޓު ނެޓް ޒީރޯ ކާބަން، ސްމާޓް އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާ ތަނެއްކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ ޑިސެންބަރު 18، 2023 ގައި ކަމަށްވާއިރު، މި މަޝްރޫއުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެ ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އުމްރާނީ މަޝްރޫއުކަމަށްވާ ރަސްމާލެ ހިއްކަން ފެށީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމުގައި ވިޔަސް، މުއްދަތު ފަހަނަ އަޅައި ދިޔައިރު މަސައްކަތް ނުނިމުމުން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. މިހާރު މަސައްކަތް ހަލުވިކުރުމަށް ނިންމާފައިވާއިރު، އެ ސަރަހައްދުގެ ހައުސިން މަޝްރޫޢުގެ ދަށުން ފުރަތަމަ 15،000 ހައުސިން ޔުނިޓުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ މިހާރު ވެސް ވަނީ ހަވާލުކޮށްފައެވެ.
ރަސްމާލޭގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް މިދިޔަ މަހުގެ 12 ވަނަ ދުވަހު ބައްލަވައިލައްވާފައިވާއިރު، އެ ދުވަހުގެ މައުލޫމާތު ދެމުން ރައީސް އޮފީހުން ބުނީ ސައިޓް-ޖޭ އެއްކޮށް ހިއްކާފައިވާ ކަމަށާއި، ސައިޓް-އެލް ގެ 25.53 ޕަސެންޓު، އަދި ސައިޓް-ސީގެ 20.09 ޕަސެންޓު ހިއްކާފައިވާ ކަމަށެވެ.



