ފިސްކަލް ޒިންމާގެ ގާނޫނަށް އަމަލުކުރުން ފަސްކުރާ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.
މި ބިލު ފާސްކޮށްފައިވަނީ، 1 ޑިސެންބަރު 2025 ވީ ހޯމަ ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައެވެ.
ދައުލަތުގެ ފިސްކަލް ޒިންމާއާ ބެހޭ ބިލު ރައީސް ތަސްދީގުކުރެއްވީ، މިދިޔަ އަހަރުގެ ޑިސެމްބަރު ތިންވަނަ ދުވަހުއެވެ. އޭގެ ފަހުން އަހަރެއްވީއިރު އެ ގާނޫނަށް މިވަނީ ފުރަތަމަ އިސްލާހު ގެނެސްފައެވެ.
މި އިސްލާހުގައިވާ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާތާ 24 މަސް ދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރެއް އެކުލަވާލައި، ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ވާނެއެވެ. އަދި ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވައިލުމަށްފަހު ތަންފީޒުކުރަންޖެހޭ ކަންކަމާއި، ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްތައް ދައުލަތުގެ ބަޖެޓުގައި ހިމެނުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ފީސިބިލިޓީ ހެދުމުގެ މާއްދާއަށް އެ މުއްދަތުގެ ތެރޭގައި އަމަލުކުރުން ލާޒިމް ނޫން ކަމަށް އެ އިސްލާހުގައި ވަނީ ކަނޑައަޅައިފައެވެ.
ރައީސް މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށައިފައެވެ.



