ސްރީލަންކާއަށް މިދިޔަ ހަފުތާގައި އެރި ތޫފާނު ‘ދީތުވާ’ގެ ސަބަބުން އެ ގައުމަށް ލިބުނު ގެއްލުންތަކަށް އެހީތެރިކަން ދިނުމުގެ ގޮތުން ދިވެހި ސަރުކާރުން ސްރީލަންކާގެ ސަރުކާރަށްދޭ ބައިލައްކަ އެމެރިކާ ޑޮލަރު ހަވާލުކޮށްފިއެވެ.
ލަންކާގެ ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފައިސާގެ އެހީ ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ ހަވާލު ކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު އެވެ.
އެ އެހީއާ ހަވާލުވެވަޑައިގެންނެވިކަން ހާމަކުރައްވައި ‘އެކްސް’ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސްރީލަންކާގެ ފޮރިން މިނިސްޓަރު ވަނީ، ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ސްރީލަންކާގެ ރައްޔިތުންނަށް ދިވެހީން ދިން އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.
މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މި އުނދަގޫ ދަނޑިވަޅުގައި އެ ގައުމުގެ ރައްޔިތުންނާ އެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ ހަވާލާދީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައި ވެ އެވެ.
ދިވެހި ސަރުކާރުން ނިންމާފައި ވަނީ ލަންކާ އަށް 50،000 ޑޮލަރުގެ އިތުރުން 25،000 ކޭސް މަސްދަޅު ވެސް ހަދިޔާ ކުރާށެވެ.
ސްރީލަންކާއަށް އެހީވުމުގެ ގޮތުން މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު ނުވަޔަކުން ފެށިގެން ހޯމަ ދުވަހުގެ މެންދުރު ދޭއް ޖެހުމާ ހަމައަށް ރާއްޖޭގެ 37 މީޑިއާއަކުން ގުޅިގެން ބޭއްވި ޓެލެތޯނަށްވެސް ޖުމްލަ 800،352 ޑޮލަރު ލިބިފައިވެއެވެ. އެ ޓެލެތޯނަށް ލިބުނު ފައިސާ ޕީއެސްއެމްގެ ފަރާތުން އިއްޔެ ވަނީ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފައެވެ.



