ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމްކޮށްފި ނަމަ، މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި އިސްލާހަކީ މަސްތުވާތަކެތީގެ ބައެއް ކުށްތަކުގެ އަދަބު ހަރުކަށިކޮށް ބޮޑެތި ޖޫރިމަނާތަކެއް ވެސް ހިމެނޭ ގޮތަށް ސަރުކާރުގެ ފަރާތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުށަހެޅި ބިލެކެވެ. ބިލު ފާސްކުރިއިރު، މަރުގެ އަދަބު ދިނުމުގެ މާއްދާ ވަނީ ހިމަނާފަ އެވެ.
ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ރަޝީދު ހުށަހެޅުއްވި މި ބިލު އަހަރެއްހާ ދުވަހު ޖުޑީޝަރީ ކޮމިޓީގައި ބެލުމަށް ފަހު، މިއަދުގެ މަޖިލިސް ޖަލްސާއަށް ވަނީ ތަޅުމަށް ގެނެސްފަ އެވެ. ކޮމިޓީން ގެނައި ބަދަލުތަކާ އެކު، ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ 65 މެންބަރުންގެ ވޯޓާ އެކުގަ އެވެ. މި ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ދެއްވާފައި ނުވެ އެވެ. ކުރިން މި ގާނޫނުގައި މަސްތުވާތަކެތީގެ ކުށްތަކުގައި އެންމެ ބޮޑު އަދަބަކަށް ހުރީ 25 އަހަރުގެ ޖަލު ހުކުމެވެ. މަރުގެ އަދަބު ދިނުމެއް ގާނޫނުގައި ހިމަނާފައެއް ނުވެ އެވެ.
މަޖިލީހުން މިހާރު ފާސްކޮށްފައިވާ އިސްލާހުގައިވާ ގޮތުން މަރުގެ އަދަބު ދެނީ ތިން ހާލަތަކަށް ފެތެރޭ ބުރަދަން ހުރި މައްސަލަތަކުގަ އެވެ. އެއީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނަބިސް ކަމުގައިވުން، 250 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން، ނުވަތަ ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ އެކެއްގައިވާ މަސްތުވާތަކެތީގެ ބާވަތެއް ނަމަ، 100 ގްރާމަށް ވުރެ އިތުރު އަދަދަކަށްވުން އެވެ. މީގެ އިތުރުން، މަރުގެ އަދަބު ދޭ މައްސަލަތަކުގައި ‘އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ އެ މީހަކު ރާއްޖެއަށް އެތެރެވިއިރު އެތެރެ ކުރި އެއްޗަކަށްވުން’ ލާޒިމުކޮށްފައިވެ އެވެ. ޖަދުވަލު އެކެއްގައި 139 ބާވަތެއްގެ މަސްތުވާތަކެތި ހިމެނެ އެވެ.
މަރުގެ އަދަބު ތަންފީޒު ކުރަން ޖެހެނީ، ދަށު ކޯޓުގެ މަރުހަލާ ނިމި، ސުޕްރީމް ކޯޓުން އެ މައްސަލަ ބަލާ ފަނޑިޔާރުންގެ އިއްތިފާގުން މަރުގެ އަދަބު ދޭން ހުކުމް ކުރާ ހާލަތުގައި ކަމަށް ވެސް އިސްލާހުގައި ބުނެ އެވެ. އަދި އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކަށާއި މައްސަލައިގެ ކަން ހިނގާފައިވާ ގޮތް އެ ކޯޓުން އަލުން ބަލަން ވާނެ ކަމަށްވެސް ބަޔާން ކުރެ އެވެ.
އެންމެ ފަނޑިޔާރަކު ވެސް މަރުގެ އަދަބު ދޭން ދެކޮޅު ހަދާ ނަމަ، އެ މީހަކަށް ލިބޭނީ ގާނޫނުގައި މިހާރު ވެސް އޮންނަ އަދަބެވެ. އެއީ އުމުރަށް ޖަލަށްލުމާ އެކު، 1 ލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމެވެ. މި އިސްލާހު ފާސްވުމާއެކު، ރައީސް މުހައްމަދު މުއިއްޒު ވަނީ ޑްރަގު ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދޭން ހުށަހަޅުއްވާނެކަން ހާމަކުރައްވާފަ އެވެ. މި ބިލަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން އަޅާ ހަރުކަށި ފިޔަވަޅެކެވެ.



