ލ. ގަމު ފެނަކަ އިންޖީނު ގޭގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު 14:50 އެހާކަންހާއިރުއެވެ.
މި ހާދިސާގައި އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ އެއް ޖަނަރޭޓަރ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައި ނަމަވެސް، އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި އަލިފާނުގެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު، އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފައެވެ. އަދި މި މަސައްކަތުގައި ފުލުހުންނާއި، އެމްއެންޑީއެފްގެ ސިފައިން އަދި އާންމު ރައްޔިތުން ގުޅިގެން ހަރަކާތްތެރިވިކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ރޯވި އަލިފާން، ހާދިސާ ހިނގިތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން، 15:50 އެހާކަންހާއިރު ވަނީ މުޅިން ކޮންޓްރޯލްކޮށް ނިއްވާލާފައެވެ. ފުލުހުން ބުނި ގޮތުގައި އަލިފާނުގެ ސަބަބުން އިންޖީނު ގޭގެ އެއް ޖަނަރޭޓަރަށް ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައެވެ.
މި ހާދިސާ ހިނގަން ދިމާވި ސަބަބުތައް ދެނެގަތުމަށް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



