ބިދޭސީންގެ ސިއްޙީ މައްސަލަތަކަށް މިހާރު މަސައްކަތް ނުކޮށްފިނަމަ، އާންމު ސިއްޙަތުގެ ދާއިރާއިން ހައްލުކުރަން ދަތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ޤައުމީ ޔުނިވަސިޓީ ގުޅިގެން މިއަދު ފެށި ދެ ދުވަހުގެ “އާންމު ސިއްޙަތުގެ ހެލްތު ކޮންފަރެންސް” އިފްތިތާޙުކޮށް ދެއްވުމުގެ ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވަނީ ބިދޭސީންނަށް ފުރިހަމަ ސިއްޙީ ފަރުވާގެ ޚިދުމަތް ލިބޭނެ މަގުފަހި ކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރުމަށް ހުރިހާ މުވައްސަސާއެއްގެ ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ.
މިނިސްޓަރު ނާޒިމް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް ދިރިއުޅޭއިރު، މުޅި ޤައުމުގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ބިދޭސީންގެ ދުޅަހެޔޮކަން ޔަގީންކުރުން މުހިންމެވެ.
“ބިދޭސީންގެ ނިސްބަތުން ގިނައީ އަވައްޓެރި ޤައުމުތަކަށް ނިސްބަތްވާ މީހުން. ރާއްޖޭގައި ނެތް ނުވަތަ ނައްތާލެވިފައިވާ ބަލިތައް އެޤައުމުތަކުގައި އުޅޭއިރު، ރާއްޖެ އަށް އަންނަ ބިދޭސީންގެ ސިއްޙީ ދުޅަހެޔޮކަން މުހިއްމު،” މިނިސްޓަރު ވިދާޅުވި އެވެ. އަދި ހުރިހާ މުވައްސަސާއެއް ގުޅިގެން މިއަދު ބިދޭސީންގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތް ނުކުރެވިއްޖެ ނަމަ، އާންމު ސިއްޙަތުގެ ދާއިރާއިން ބޮޑު ޗެލެންޖަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އިޝާރާތް ކުރެއްވި އެވެ.
ދެ ދުވަހުގެ މި ކޮންފަރެންސްގައި، މިދިޔަ ޖޫން މަހު އިފްތިތާޙްކޮށްފައިވާ ބިދޭސީންގެ ސިއްޙަތާ ބެހޭ ޤައުމީ ސިޔާސަތު ތަންފީޒުކުރުމަށް ކުރިމަތިވާ ހިރާސްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، ރާއްޖޭގައި ތިބި ބިދޭސީންނަށް ސިއްޙީ ފަރުވާ ފޯރުކޮށް ދިނުމަށް ދިމާވެފައިވާ ހުރަސްތަކާ ގުޅޭ ގޮތުން ވެސް އިލްމީ މަޝްވަރާތައް ކުރިއަށް ގެންދެވޭނެ އެވެ.



