ލޯކަލް ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓްގެ ނިޒާމު ހަރުދަނާކުރުމަށް އަމާޒުކޮށްގެން ބާއްވާ ދެ ދުވަހުގެ ކޮންފަރެންސް ރަސްމީކޮށް ފަށައިފިއެވެ. ލޯކަލް ގަވަރންމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޓަރނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އައިއޭއޭ) ގުޅިގެން ކުރިއަށްގެންދާ މި ކޮންފަރެންސް ފެށުމަށް މިއަދު ސްޓެލްކޯ އޮޑިޓޯރިއަމްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ލޯކަލް ކައުންސިލްތަކަށް ހާއްސަކޮށްގެން ރާއްޖޭގައި މިފަދަ ކޮންފަރެންސެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވީ، ކައުންސިލްތަކުގެ މާލީ ހިސާބުތަކުގެ ޞައްޙަކަން ކަށަވަރުކޮށް، މަސައްކަތްތައް މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުމަށް މި ކޮންފަރެންސަކީ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާއިރު، ހުރިހާ ކައުންސިލްތަކުގައި ވެސް އެއް އުސޫލެއްގެ ދަށުން އިންޓަރނަލް އޮޑިޓްގެ މަސައްކަތް ގެންދިއުމަކީ މި ކޮންފަރެންސްގެ މައިގަނޑު މަޤްސަދު ކަމަށެވެ.
އައިއޭއޭގެ ޗެއަރޕާސަން މިފްޒާލް އާދަމް ވިދާޅުވީ، މި ކޮންފަރެންސްގައި ރާއްޖޭގެ އޮޑިޓް ދާއިރާގެ ތަޖުރިބާކާރުންގެ ޢަމަލީ ތަޖުރިބާތައް ހިއްސާ ކުރާނެ ކަމަށެވެ. މީގެ އިތުރުން، ލޯކަލް ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓް ތައްޔާރުކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މަޝްވަރާކުރުމާއި، އަމަލީ ގޮތުން އޮޑިޓްކުރުމާއި ރިޕޯޓުހެދުމުގެ ވޯކްޝޮޕްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި ކޮންފަރެންސްގައި އިންޓަރނަލް އޮޑިޓްގެ ނިޒާމު ހަރުދަނާކުރުމަށް އަމާޒުކޮށްފައިވާ މާސްޓަރ ކްލާސްތަކާއި، ކީ ނޯޓް ސްޕީޗްތަކުގެ އިތުރުން ޕެނަލް ޑިސްކަޝަންތައްވެސް ބާއްވާނެއެވެ.
މި ކޮންފަރެންސްގައި ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މޮނިޓަރިންގ އަދި އޮޑިޓް ކުރާ ފަރާތްތައް ހިމެނޭގޮތަށް 47 މީހުން ވަނީ ބައިވެރިވެފައެވެ. ކޮންމެ އަހަރަކުވެސް ވަކި ތީމެއްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓްތައް ހަރުދަނާކުރުމަށް އަމާޒުކޮށްފައިވާ “ސްރެންތެނިން ގަވަނެންސް؛ އިންޓްރޮޑިއުސިން އިންޓަރނަލް އޮޑިޓް ފޯރ އެފެކްޓިވް ކައުންސިލް އޯވަރސައިޓް” އެވެ.



