ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅުގައި ގޯއްޗާއި ފްލެޓާއި ރޯހައުސްތަކަށް ދެ ޓަނަށްވުރެ ބޮޑެތި ލޮރީ ފަދަ ވެހިކަލް ރަޖިސްޓްރީ ނުކުރެވޭ ގޮތަށް އޮތް އޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އުވާލައިފި އެވެ. މި ބަދަލާއެކު، ވެހިކަލް ބާއްވާނެ ޖާގަ ހުރި ގަރާޖެއް ގޯތި ނުވަތަ ފްލެޓްގައި ހުރިނަމަ، މިފަދަ ބޮޑެތި އުޅަނދުތައް ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އެޗްޑީސީން އާންމުކުރި އިއުލާނެއްގައި ބުނެފައި ވަނީ، ދެ ޓަނަށް ވުރެ ބޮޑެތި ލޮރީ އާއި ޓްރަކް ފަދަ ވެހިކަލް ރަޖިސްޓްރީކުރުމަށް ހުށަހަޅާ ގޯތި، ފްލެޓް ނުވަތަ ރޯހައުސްގައި އެ ވެހިކަލެއް ބާއްވާނެ ޖާގަ އޮތް ގަރާޖެއް ހުރިނަމަ، އެ ވެހިކަލް ރަޖިސްޓްރީކޮށްދޭ ގޮތަށް “ހުޅުމާލެ/ތިލަފުށި/ގުޅިފަޅަށް އުޅަނދުފަހަރު ގެނެސް ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލު” މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. މިއީ މި ސަރަހައްދުތަކުގައި ދިރިއުޅޭ އަދި ވިޔަފާރިކުރާ ފަރާތްތަކަށް ލިބުނު ލުޔެކެވެ.
މި ބަދަލުގެ ސަބަބުން، ޢާންމުކޮށް މަގުމަތީގައި ވެހިކަލްތައް ޕާކުކުރުމުގެ ބަދަލުގައި، އަމިއްލަ ގޯތިތަކުގެ ތެރޭގައި އެކަމަށް ޚާއްޞަކުރެވިފައިވާ ގަރާޖުތަކުގައި ބޮޑެތި ވެހިކަލްތައް ބެހެއްޓުމުގެ މަގު ފަހިވެގެންދާނެ އެވެ. ނަމަވެސް، އެޗްޑީސީން ބުނެފައިވަނީ މިގޮތަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުމުގައި ވެސް އެ ކޯޕަރޭޝަންގެ އުސޫލުތަކާ އެއްގޮތަށް ބަލަންޖެހޭ އެހެން ކަންތައްތައް ހުރި ކަމަށެވެ.
އެގޮތުން، އެޗްޑީސީއަށް ފައިސާއެއް ދައްކަންޖެހި ނުދައްކާ އޮންނަ ފަރާތްތަކަށް މި އުސޫލުގެ ދަށުން ވެހިކަލް ރަޖިސްޓްރީކޮށްނުދިނުން ހިމެނެ އެވެ. ވުމާއެކު، މި ޚިދުމަތް ހޯދުމަށް އެދޭ ފަރާތްތަކުން އެޗްޑީސީއަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކޮށްފައިވުން ލާޒިމުވާނެ އެވެ.



