ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ތަންތަން ހޯދުމަށް ފުލުހުންނާއި އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި މާލޭގެ 10 ވިޔަފާރި ތަން ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުން ދިޔަ ދެ ތަނެއް ބަންދުކުރުމަށް ނޯޓިސް ދީފިއެވެ. މީގެ އިތުރުން އިމިގްރޭޝަނާ ގުޅުންހުރި މައްސަލައެއްގައި ބިދޭސީއަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުލުހުން ރޭ ވިދާޅުވީ، މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއާއި އެމްއެފްޑީއޭގެ އިތުރުން ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 10 ތަނެއް ބަލައިފާސްކުރެވުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ބަލައިފާސްކުރެވުނު ތަންތަނުގެ ތެރެއިން ދެ ތަނެއް ވަގުތީ ގޮތުން ބަންދުކުރެވިފައިވާ އިރު، އަނެއް ތަނަކަށް ވަނީ އެ ތަނުގައި ހުރި ގަވާއިދާ ޚިލާފު މައްސަލަތައް ރަނގަޅުކުރުމަށް ނޯޓިސް ދީފައެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި ބަންދުކުރެވުނު ދެ ތަނަކީވެސް ގަވާއިދާ ޚިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ދެ ތަންކަން ފާހަގަކުރެވިފައިވާ ކަމަށާއި، މި ދެ ތަނުންވެސް ދުންފަތުގެ ބާވަތްތައް ފެނިފައިވާ ކަމަށެވެ.
“ބަންދުކޮށްފައިވާ ދެ ތަނަކީ ގަވާއިދާ ހިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ދެތަންކަން ފާހަގަކުރެވިފައިވޭ. އަދި ދެ ތަނުންވެސް ދުންފަތުގެ ބާވަތްތައް ފެނިފައިވޭ،” ފުލުހުން ވިދާޅުވިއެވެ.
މި އޮޕަރޭޝަނަކީ ރައްޔިތުންނަށް ލިބިދޭ ޚިދުމަތްތައް ރައްކާތެރިކަމާއެކު ލިބިދިނުމަށާއި، ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ.



