ދުނިޔޭގައި ފުރަތަމަ ފަހަރަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރި ޤައުމަކަށް އޮސްޓްރޭލިއާ ވެއްޖެއެވެ. މި ބަދަލާއެކު ޓިކްޓޮކް، އަލްފަބެޓްގެ ޔޫޓިއުބް، އަދި މެޓާގެ އިންސްޓަގްރާމް އާއި ފޭސްބުކް ފަދަ ޕްލެޓްފޯމްތަކަށް ކުދިންނަށް ވަނުން މަނާވާނެއެވެ.
މި އާ ޤާނޫނުގެ ދަށުން، އެންމެ ބޮޑު ދިހަ ޕްލެޓްފޯމަށް ވަނީ ބުދަ ދުވަހުގެ މެންދަމުން ފެށިގެން 16 އަހަރުން ދަށުގެ ކުދިން ވަނުން މަނާކުރުމަށް އަންގާފައެވެ. މި އަމުރަށް ތަބާނުވާނަމަ 49.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރު (33 މިލިއަން ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. މި ޤާނޫނަކީ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކާއި މިނިވަންކަމަށް ވަކާލާތު ކުރާ ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި ނަމަވެސް، ގިނަ އަދަދެއްގެ ބެލެނިވެރިންނާއި ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ.
ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ވިދާޅުވީ މިއީ އާއިލާތަކަށް ލިބުނު ފަޚުރުވެރި ދުވަހެއް ކަމަށާއި، މި ޤާނޫނަކީ އޮންލައިންކޮށް ދިމާވާ ގެއްލުންތައް ކޮންޓްރޯލް ކުރެވޭނެކަމުގެ ހެއްކެއް ކަމަށެވެ. އަލްބަނީޒް ބުދަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ، މިކަމުގެ ސަބަބުން ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.
“މިއީ އަޅުގަނޑުމެންގެ ޤައުމަށް ކުރިމަތިވި އެންމެ ބޮޑު އިޖުތިމާޢީ އަދި ސަގާފީ ބަދަލުތަކުގެ ތެރެއިން އެއް ބަދަލު. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިތުރަށް އަސަރު ކުރަމުންދާނެ އަސާސީ އިސްލާހެއް.” ބޮޑުވަޒީރު ވިދާޅުވިއެވެ.
ބޮޑުވަޒީރު އަލްބަނީޒް ވަނީ ވީޑިއޯ މެސެޖެއްގައި، މިމަހުގެ ފަހުކޮޅު ފެށޭ އޮސްޓްރޭލިއާގެ ސަމަރ ސްކޫލް ބްރޭކަށް ތައްޔާރުވުމުގެ ގޮތުން ކުދިންނަށް އާ ކުޅިވަރެއް، އާ މިއުޒިކް އާލާތެއް ނުވަތަ ގިނަ ދުވަހު ބޭނުންނުކޮށް ހުރި ފޮތެއް ކިޔަން ފެށުމަށް އިލްތިމާސް ކުރައްވާފައެވެ. މި ޤާނޫނު ތަންފީޒުވުމުގެ ކުރިން، މިކަމުގެ އަސަރު ކުރާނެކަމަށް އަންދާޒާ ކުރެވޭ އެއް މިލިއަން ކުދިންގެ ތެރެއިން ގިނަ ކުދިން ވަނީ އޮންލައިންގައި އެކުވެރިންނަށް އަލްވަދާޢު ކިޔާ މެސެޖްތައް ޕޯސްޓްކޮށްފައެވެ.
“އިތުރަށް ސޯޝަލް މީޑިއާއެއް ނެތް… ދުނިޔޭގެ އެހެން ބައިތަކާ އެކު އިތުރަށް ގުޅުމެއް ނެތް.” ކުއްޖަކު ލިޔުނު އަލްވަދާއުގެ މެސެޖެއްގައި ވެއެވެ. އަނެއް ކުއްޖަކު ލިޔެފައިވަނީ “#ސީޔޫވެންއައިއެމް16” މިހެން ލިޔެ ޕޯސްޓްކޮށްފައެވެ.
މި ފިޔަވަޅަކީ ސޯޝަލް މީޑިއާގެ ބޭނުންކުރުން ދުވަހުގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ވެފައިވާ ކުދިންނަށް އެކަން ހުއްޓުވުމުގެ ޢަމަލީ ގޮތުން ކުރެވޭނެ ކަމެއްތޯ ބެލުމަށްޓަކައި އަހަރެއްހާ ދުވަހުގެ ބަހުސްތަކަށް ފަހު ފެށުނު ކަމެކެވެ. އަދި މިއީ، ގެއްލުން ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ސޯޝަލް މީޑިއާ ކުންފުނިތައް ލަސްކަމަށް ދުނިޔޭގެ އެކި ސަރުކާރުތަކުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، ދުނިޔޭގެ އެހެން ޤައުމުތަކަށް ވެސް ލައިވް ޓެސްޓެއްގެ ގޮތުގައި ފެށުނު ކަމެކެވެ.
އަލްބަނީޒްގެ ސެންޓަރ-ލެފްޓް ސަރުކާރުން މި ޤާނޫނު ހުށަހެޅީ، ޒުވާން ކުދިންގެ މެދުގައި ސޯޝަލް މީޑިއާ ބޭނުންކުރުން އިތުރުވުމުގެ ސަބަބުން ނަފްސާނީ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ހާމަކުރާ ދިރާސާތަކަށް ބިނާކޮށެވެ. މި ގެއްލުންތަކުގެ ތެރޭގައި މަޢުލޫމާތު އޮޅުވާލުން، ބިރުދެއްކުން އަދި ހަށިގަނޑުގެ ސިފަ ނޭދެވޭ ގޮތަކަށް ދައްކައިގެން ކުރާ އަސަރުތައް ހިމެނެއެވެ.



