ރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަމުން އަންނަ ރ. ދުވާފަރުގައި، މަސްވެރިކަމުގެ ދާއިރާގެ މުހިންމު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހާއްސަކޮށްގެން ބާއްވާ މަސްވެރިންގެ ގުންޒަރު މިއަދު ރަސްމީކޮށް ފަށައިފި އެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ގުންޒަރު ފެށުމުގެ ރަސްމިއްޔާތު ހެނދުނު ޝަރަފުވެރިކޮށް ދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.
މަސްވެރިންނާއި މަސް ޕްރޮސެސްކުރާ ފަރާތްތައް އެއްތަންކުރުވާ މި ގުންޒަރުގައި، ނުވަ އަތޮޅަކުން ޖުމްލަ 47 މަސްވެރިން ބައިވެރިވެ އެވެ. މީގެ އިތުރުން މަސް ޕްރޮސެސްކުރާ ހަތަރު ކުންފުނިން ވެސް މި ފޯރަމްގައި ހަރަކާތްތެރިވެ އެވެ. މި ގުންޒަރު ކުރިއަށް ގެންދަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ރަސްމީ ހަރަކާތްތަކާ ގުޅުވައިގެންނެވެ.
މި ގުންޒަރުގެ މައިގަނޑު މަގުސަދަކީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މި ދާއިރާއާ ގުޅުންހުރި އެކި މައުލޫމާތު ފޯރުކޮށްދިނުމާއި، ސިނާއަތުގައި ހުރި ދަތިތައް ހައްލުކުރުމަށް މަޝްވަރާކުރުމެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މި ފޯރަމްގައި ބައިވެރިން މަޝްވަރާ ކުރާނެ އެވެ.
މަސްވެރިކަމުގެ ދާއިރާގެ އެންމެ އިސް ފަރާތްތައް ބައިވެރިކޮށްގެން މިފަދަ ގުންޒަރެއް ބާއްވަން ފަށާފައިވަނީ 2023 ވަނަ އަހަރުން ފެށިގެންނެވެ.



