މާލެ ސަރަހައްދުގެ ވައިގެ ފެންވަރު މިއަދު ވަރަށް ބޮޑަށް ދަށްވެ، ނުރައްކާވާ މިންވަރަށް ނުސާފުވެފައިވާކަމަށް ވައިގެ ކޮލިޓީ ދައްކުވައިދޭ ބައިނަލްއަޤްވާމީ ޕްލެޓްފޯމެއް ކަމަށްވާ ‘އައިކިއު އެއާ’ އިން ހާމަކޮށްފިއެވެ.
އެގޮތުން، ވައިގައި ހިމެނޭ ކުދިކުދި ޕާޓިކަލްތައް ނުވަތަ ޕީއެމް2.5 ގެ މިންވަރު މާލޭގައި ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 40.9 މައިކްރޯގްރާމްގައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ރައްކާތެރި މިންވަރަށް ވުރެ 8.2 ގުނަ އިތުރު އަދަދެކެވެ.
އައިކިއު އެއާގެ މައުލޫމާތުތަކަށް ބަލާއިރު، ޔޫއެސް އެއާ ކުއަލިޓީ އިންޑެކްސް (ޔޫއެސް އޭކިޔުއައި) މިހާރު ހުރީ 104 ގައެވެ. މި އަދަދު ހިމެނެނީ ނުރައްކަލުގެ އޮރެންޖު ސަމާލުގެ ލެވެލްގައެވެ. މި މިންވަރަށް ވައި ނުސާފުވުމުގެ ސަބަބުން، ނާޒުކު ހާލަތުގައިވާ މީހުންގެ އިތުރުން އާންމު ރައްޔިތުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.
އެހެންކަމުން، މިފަދަ ހާލަތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބައްޔާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، މާސްކު ބޭނުންކުރުމަށް ސިއްހީ އިދާރާތަކުން އިލްތިމާސްކުރެއެވެ.
ރާއްޖޭގައި ވައި ނުސާފުވުމަށް ދިމާވަނީ އަވަށްޓެރި ޤައުމުތަކުގެ ކާރުހާނާތަކުން ދޫކުރާ ވިހަ ގޭހުގެ އަސަރު ރާއްޖެއަށް ކުރުމުގެ ސަބަބުންނެވެ.



