ރާއްޖޭގައި ހެލިކޮޕްޓަރު ދަތުރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ކުންފުނިތަކަށް އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ. އެގޮތުން މިކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު ހުޅުވާލާ އިއުލާނެއް މިނިސްޓްރީން އިއްޔެ ވަނީ ގެޒެޓުކޮށްފަ އެވެ.
މި ހިދުމަތް ދިނުމަށް ހޮވާ ކުންފުންޏަކަށް 10 އަހަރުގެ މުއްދަތަށް ރާއްޖޭގައި އެ ހިދުމަތް ދިނުމުގެ އެކްސްކުލޫސިވިޓީ ލިބޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެ މުއްދަތުގައި އިތުރު އެހެން ކުންފުންޏަކަށް ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމުގެ ހުއްދަ ނުދޭނެ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.
މި ހިދުމަތް ފަށަން ނިންމާފައިވަނީ ކޮމާޝަލް ފަސިންޖަރުން އުފުލުމުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް އިމަޖެންސީ މެޑިކަލް އިވެކުއޭޝަން (އީއެމްއީ) އަދި ސާޗު އެންޑް ރެސްކިޔު (އެސްއެންޑްއާރު) އޮޕަރޭޝަންތައް ހިންގާ ގޮތަށެވެ. މި ހިދުމަތުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހެލިކޮޕްޓަރުގައި ފަތުރުވެރިން އުފުލައި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުން، އެއާޕޯޓެއް ނެތް ރަށްރަށުން ވެސް އިމަޖެންސީ ހާލަތްތަކުގައި ބަލިމީހުން އުފުލުން، އަދި ސާޗު އެންޑް ރެސްކިޔު އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުން ހިމެނެ އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން އާންމުކޮށްފައިވާ އާރުއެފްޕީ ޑޮކިޔުމެންޓުގައިވާ ގޮތުން، މި ހިދުމަތް ދިނުމަށް ހޮވާ ކުންފުންޏަކުން ކޮންމެ މަހަކު 80 އާއި 150 ގަޑިއިރާ ދެމެދުގެ ވަގުތު އެއްވެސް އަގަކާ ނުލާ މެޑިކަލް އަދި ސާޗު އެންޑް ރެސްކިޔު އޮޕަރޭޝަންތަކަށް ހިދުމަތް ދޭން ޖެހޭނެ އެވެ. އަދި ދިމާވެދާނެ ކުއްލި ހާލަތްތަކުގައި އޮޕަރޭޓުކުރުމަށް އަބަދުވެސް ތައްޔާރީ ހާލަތުގައި ހެލިކޮޕްޓަރުގެ ހިދުމަތް އޮންނަން ޖެހޭނެ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ. މި ހިދުމަތް އަންނަ އަހަރުގެ ނޮވެމްބަރު 15 ގައި ފެށުމަށް އަމާޒު ހިފާފައިވާއިރު، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ކޮންޓްރެކްޓް އެވޯޑު ކުރުމަށް ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ މާޗު 26 ވަނަ ދުވަހެވެ.
ރާއްޖޭގައި ހެލިކޮޕްޓަރު އުދުއްސުމުގެ ހުއްދަ އަލުން ދޭން ކެބިނެޓުން ނިންމީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން މި ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް ޕްރޮޕޯސަލްއަށް ހުޅުވާލި ނަމަވެސް، ފަހުން އެ އިއުލާނު ބާތިލްކޮށްފައިވާތީ، މިފަހަރު އަލުން ހުޅުވާލި ފުރުސަތަށް ޝައުގުވެރިކަން ފާޅުކުރާ ކުންފުނިތަކަށް މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިވަނީ ލިބިފަ އެވެ.



