މަސްވެރިކަމުގެ ސިނާއަތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ 32 ފަރާތަކަށް މަސްވެރިކަމަށް ޚިދުމަތްކުރުމުގެ އިނާމު ރޭ އަރުވައިފިއެވެ. މި އިނާމު ލިބުނު ފަރާތްތަކުގެ ތެރޭގައި ދާދި ފަހުން އަވަހާރަވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލްމަރްޙޫމް ޙަސަން ޞާބިރު ހިމެނިވަޑައިގަންނަވައެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. ދުވާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި މި އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމެވެ.
ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ، ޞާބިރު ވަނީ 1993 އިން 1998 އަށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވަޒީރުކަން ކުރައްވާފައެވެ. އެ ދުވަސްވަރު އެމަނިކުފާނުގެ އިސްނެންގެވުމާއެކު އދ ގެ ކާބޯތަކެއްޗާ ބެހޭ ޖަމިއްޔާއާ ގުޅިގެން މަސްވެރިކަން މެނޭޖުކުރުމާ ބެހޭ ބައްދަލުވުންތައް ބާއްވައި، ގައުމީ މަހާސިންތާއެއް ވަނީ އިންތިޒާމު ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި މަސްވެރިކަމާ ގުޅޭ ފޮތްތައް ޝާއިއުކުރެއްވިއިރު، އޭގެ ތެރޭގައި މަގްބޫލުކަން ހޯދި “ފިޝަސް އޮފް ދަ މޯލްޑިވްސް” ފޮތް ހިމެނެއެވެ.
މީގެ އިތުރުން، ޞާބިރުގެ ވަޒީރުކަމުގައި މަސްވެރިކަމުގެ ދާއިރާއަށް ގިނަ ތަރައްޤީތަކެއް ވަނީ ގެނެސްފައެވެ. އޭގެ ތެރޭގައި ގއ. ކޫއްޑޫ މަސް ގަންނަ ފެސިލިޓީއެއްގެ ގޮތަށް ތަރައްގީކޮށް، ކޯލްޑް ސްޓޯރޭޖް ގާއިމުކުރުން ހިމެނެއެވެ. އަދި ދެކުނުގެ ސަރަޙައްދުގައި ސަރުކާރު މަސް ކުންފުނި މިފްކޯގެ އޮޕަރޭޝަންތައް ފުޅާކުރުމުގައި ވެސް ޞާބިރުގެ ދައުރު ވަރަށް ބޮޑެވެ. މިފަދަ މުހިންމު ޚިދުމަތްތަކަށްޓަކައި އެމަނިކުފާނުގެ އަގު ވަޒަންކުރެވުނުކަން ފާހަގަކޮށްލެވެއެވެ.
މި ރަސްމިއްޔާތުގައި މަސްވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ނަތީޖާއެއް ހޯދި 31 ފަރާތަކަށް ވެސް ވަނީ އިނާމު ދީފައެވެ. މިގޮތުން، 2024 ވަނަ އަހަރަށް 13 ފަރާތަކާއި 2023 ވަނަ އަހަރަށް 18 ފަރާތަކަށް އިނާމު ލިބުނެވެ. މަސްވެރިކަމުގެ އިނާމު ދިން ދާއިރާތަކުގެ ތެރޭގައި ތަޖުރިބާކާރު ކެޔޮޅުންނާއި، ޚިދުމަތްތެރި ޒުވާން ކެޔޮޅުންނާއި، އެންމެ ގިނައިން ކަޅުބިލަ މަސް ކިރި ދޯނިފަހަރާއި، އެންމެ ގިނައިން ބޮޑު ކަންނެލި ކިރި ދޯނިފަހަރު ހިމެނެއެވެ.



