ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން، ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާތީ، ނޯތު ހާބަރުގެ އިރުމަތީ ފަރާތުން ކަނޑު އުޅަނދުތައް ނަގަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު އަންގައިފި އެވެ.
އެމްޕީއެލް އިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ފަށާފައިވާ ކަމަށާއި، މި މަސައްކަތް ތިން މަސްދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ ކަމަށެވެ. މާލޭ ނޯތު ހާބަރު ސަރަހައްދުގައި މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށް އެމްޕީއެލް އިން މައުލޫމާތު ދެ އެވެ. މި މަސައްކަތުގެ ފުރަތަމަ ބައިގައި މަސައްކަތް ކުރާނީ ނޯތު ހާބަރުގެ އިރުމަތީ ކޮޅުން ފެށިގެން ހުޅަނގަށް 100 މީޓަރުގެ ސަރަހައްދެއްގަ އެވެ. އެއީ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ދަތުރުވެރިންގެ މާރުކޭޓާ ދެމެދުގެ ސަރަހައްދެވެ. މަސައްކަތްކުރާ ސަރަހައްދުގައި ހުރި ކަނޑު އުޅަނދުތައް ނަގަން ޖެހޭ ސަރަހައްދު އެނގޭނެ ގޮތަށް އެއްގަމު ތޮށީގައި ފާހަގައެއް ޖަހާފައި ހުންނާނެ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ސެގްމަންޓުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް އަންނަ ރޯދަ މަހުގެ ކުރިން ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ކަނޑައަޅާފަ އެވެ. އެގޮތުން، އެ ސަރަހައްދުގައި ބަނދަރުކޮށްފައި ހުރި އުޅަނދުތައް އަންނަ ހުކުރު ދުވަހުގެ ރޭ މެންދަމު 12:00 ގެ ކުރިން ނެގުމަށް އެމްޕީއެލް އިން ވަނީ އަންގާފަ އެވެ. މި މަސައްކަތް ނިމުމުން މަސްމާރުކޭޓާ ހިސާބުން ފެށިގެން ނޯތު ހާބަރާ ހަމައަށް އެއްގަމުތޮށި ބޭރަށް ޖައްސައި، މަގު ހަތަރު ލޭނަށް ފުޅާކުރެވޭނެ އެވެ. މުޅި މި މަގުގައި ތާރު އަޅައި، އެންމެ ޒަމާނީ ފެންވަރަށް މަގު ބަދަލުކުރެވޭނެ އެވެ.
މި މަޝްރޫއުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް، ޖުމްހޫރީ މައިދާނުގެ މެދަކާ ހިސާބަށް މަގު ހަތަރު ލޭނަށް ފުޅާކޮށް، ތާރު އެޅުމުގެ މަސައްކަތް ނިންމާލައި، މަގު ހުޅުވާލާފައި ވަނީ މިދިޔަ ހަފުތާގަ އެވެ.



