ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ޚިޔާލާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ނިންމަވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުން އޮންނާނީ މި މަހުގެ 17 ވާ ބުދަ ދުވަހުގެރޭ ސޯޝަލް ސެންޓަރުގަ އެވެ. މި ބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު ވިޔަފާރިވެރިންނަށް ވަނީ އަރުވާފަ އެވެ.
މި ބައްދަލުކުރެއްވުމަކީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެމީހުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައި، ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވައި، ބޭނުންވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސް މުއިއްޒު ބާއްވަވަމުން ގެންދަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުވުމެއް ކަމަށް ތަރުޖަމާނު ހީނާ ވިދާޅުވި އެވެ. މި ބައްދަލުވުމުގެ މަޤްސަދަކީ، ވިޔަފާރީގެ ދާއިރާއިން ދިމާވާ ގޮންޖެހުންތަކާއި، ކުރިއެރުވުމަށް ބޭނުންވާ ކަންކަން ސީދާ ރައީސަށް ހުށަހެޅުމުގެ ފުރުސަތު ދިނުމެވެ.
ރައީސް މުއިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވާއިރު، ދާދިފަހުން އެމަނިކުފާނު ވަނީ ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ މި އަހަރު ނިމުމުގެ ކުރިން އެއްކޮށް ދައްކާނެ ކަމަށް ވިދާޅުވެފަ އެވެ. \



