އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ 120 ވަނަ ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭއިން ބައިވެރިވެއްޖެއެވެ.
ޑިސެމްބަރު މަހުގެ 12 އިން 14 އަށް ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ ފަރާތްޕުޅުން، ބެލްޖިއަމްއަށާއި ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ.) އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސަފީރު ގީލާ އަލީ މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި، އޯ.އޭ.ސީ.ޕީ.އެސް.ގެ ސެކްރެޓަރީ ޖެނެރަލް، މޫސާ ސާލެހް-ބަޓްރާކީ އެކުލަވާލާފައިވާ އިސްލާހީ އެޖެންޑާ އަށް މަރުހަބާ ވިދާޅުވިއެވެ. އަދި އެކަމަނާ ވަނީ މި ޖަމިއްޔާގެ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
އެކަމަނާގެ ވާހަކަފުޅުގައި، އޯ.އޭ.ސީ.ޕީ.އެސް.ގެ މެންބަރު ޤައުމުތަކުގެ މެދުގައި އިޤްތިސާދީ ގުޅުންތައް ގާއިމުކޮށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ތާއީދުކުރައްވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އޯ.އޭ.ސީ.ޕީ.އެސް.ގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ކުރެވޭ މަސައްކަތްތަކަކީ ދިވެހިރާއްޖެއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަންތައްތަކެއްކަން އެކަމަނާގެ ވާހަކަފުޅުގައި ހިމެނުއްވިއެވެ.
އޯ.އޭ.ސީ.ޕީ.އެސް. އަކީ 79 ޤައުމު ހިމެނޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. މިއީ 1975 ވަނަ އަހަރު ސޮއިކުރެވުނު “ޖޯޖްޓައުން އެގްރީމެންޓް” ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކް ސަރަހައްދުގެ ޤައުމުތައް ގުޅިގެން އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. ދިވެހިރާއްޖެ ވަނީ 9 ޑިސެމްބަރ 2022 ގައި މި ޖަމިއްޔާގެ ފުރިހަމަ މެންބަރުކަން ހޯދާފައެވެ.



