ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމުގެ މުހިންމު މަގުސަދުގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސް ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މި ޚިދުމަތް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ފަރުކޮޅު ފުށީގައި ބޭއްވުނު “ސޭފާ ހުޅުމާލެ” އިވެންޓުގެ ތެރެއިންނެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. މި ރަސްމިއްޔާތުގައި އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސްގެ ޚާއްސަ ޔުނީފޯރމާއި، މި ޚިދުމަތް ރަމްޒުކޮށްދޭ ލޯގޯ ވެސް ވަނީ ތައާރަފުކޮށްފައެވެ.
އެސްޓޭޓް ސެކިއުރިޓީ ސާރވިސަސް ތަޢާރަފް ކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި، އަދި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދިނުމެވެ. މި ޕްރޮގްރާމް ތައާރަފްކުރުމަކީ ހުޅުމާލޭގެ އަމާންކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެޗްޑީސީން ސިފަކުރެއެވެ.
މި ޕްރޮގްރާމްގެ ދަށުން، ސެކިއުރިޓީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެގޮތުނ ޕްރޮގްރާމްގެ ތެރެއިން ސެކިއުރިޓީންނަށް ކަމާގުޅޭ ތަމްރީނުދީ، ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ވެސް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ޓެކްނޮލޮޖީގެ އެހީގައި ސެކިއުރިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމާ އެކު، އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ރައްކާތެރިކަން އިތުރުވެގެންދާނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ.



