އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް، ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި 304 ކެންޑިޑޭޓުން ވާދަކުރާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީއެންސީން ނެރުނު އިއުލާނެއްގައި ވަނީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގައި ވާދަކުރާ މީހުންގެ ނަންތައް ހާމަކޮށްފައެވެ. އެ އިއުލާނުގައިވަނީ، ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި މީހުންގެ ތެރެއިން، ޕްރައިމަރީއަކާ ނުލައި ހޮވިފައިވާ މީހުންގެ މައުލޫމާތާއި އިންތިޚާބީ ދާއިރާތަކާއި ޕާޓީގެ މެންބަރުންގެ ލިސްޓު ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ.
ޕީއެންސީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 27 ގަ އެވެ. ޕްރައިމަރީގައި ޖުމްލަ 304 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން ކައުންސިލުތަކުގެ ޕްރައިމަރީގައި 183 ކެންޑިޑޭޓުން ވާދަކުރާ އިރު، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޕްރައިމަރީގައި 121 ކެންޑިޑޭޓުން ވާދަކުރެ އެވެ.
ޕީއެންސީގެ މެންބަރުންގެ އަދަދު 68،665އަށް އަރާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުން ދައްކާއިރު، އެއީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއެވެ.
ޕީއެންސީން ބުނީ ޕްރައިމަރީއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ އެ ޝަކުވާއެއް ޕާޓީ އޮފީހަށް ފޮނުވާނީ އިންތިހާބީ ޝަކުވާ ހުށަހެޅުމަށް ހާއްސަކޮށްފައިވާ ނަންބަރު، 9323686 އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ކަމަށެވެ.



