ރައީސް ޑރ. މުހައްމަދު މުއިއްޒު، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޓެކްސީގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ޙައްލު ކުރެވޭނެ ގޮތްތަކާއި، އެ ޚިދުމަތް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، ޓެކްސީ ޑްރައިވަރުން ވަނީ މާލޭގައި ވެހިކަލް ރަޖިސްޓްރީކުރުމާއި ޕާކްކުރުމުގައި ހުރި ދަތިތައް ހައްލުކުރަން ގެނެވިދާނެ ބައެއް ބަދަލުތައް ހިއްސާކުރައްވާފައެވެ. އަދި، ޓްރެފިކް މައްސަލަތައް މަދުކުރަން މިހާރުން މިހާރަށް ގެނެވިދާނެ މުހިންމު ބަދަލުތައް ވެސް ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ޓެކްސީ ޑްރައިވަރުންގެ ދަފްތަރާ ގުޅޭގޮތުންވެސް ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ވަނީ ކޮށްފައެވެ.
ރައީސް އޮފީހުން ބުނީ، ޓެކްސީ ޑްރައިވަރުންނަށް ކޮށްދެއްވާނެ ބައެއް ކަންކަމާއި، ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ އެހެނިހެން ފަރާތްތައް ޝާމިލްވާގޮތަށް، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުން ފާހަގަކުރެއްވި ކަންތައްތައް ޙައްލު ކޮށްދެއްވަން މަސައްކަތްކުރައްވާނެކަމަށް މި ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.



