ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި ނުވަތަ ހުއްދައިގެ މުއްދަތު ހަމަވެގެން އުޅޭ ފަރާތްތައް ގަވާއިދުގެ ތެރެއަށް ފެއްތުމަށް ހިންގާ “މާސް ލީގަލައިޒޭޝަން ޕްރޮގްރާމް” ގެ ދަށުން ބިދޭސީންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މިނިސްޓްރީން ބުނީ މިއީ “އޮޕަރޭޝަން ކުރަނގީ” ގެ ދަށުން ހިންގާ ހާއްސަ ހަރަކާތެއް ކަމަށެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނާއި، ވަޒީފާގެ ހުއްދަ ނެތް ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ ދަފްތަރެއް އެކުލަވާލުމެވެ.
މިނިސްޓްރީން ހުޅުވާލި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން މިވަގުތު ވަޒީފާދޭނެ ފަރާތެއް ނެތް ބިދޭސީން، އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މި ފޯމުތަކުގެ އެހީގައި ވަޒީފާ ބޭނުންވާ ބިދޭސީންގެ ޖޮބް މެޗިންގ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.
މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިން ބޭނުންވާ ވަޒީފާދޭ ފަރާތްތަކަށްވެސް މިނިސްޓްރީން ވަނީ މި އެކުލަވާލެވޭ ދަފްތަރުގެ ތެރެއިން ބިދޭސީން ވަޒީފާއަށް ބޭނުންވާ ނަމަ، އެ އިންތިޒާމްތައް މިނިސްޓްރީ މެދުވެރިކޮށް ހަމަޖެހިގެންދާނެ ކަމަށް ބުނެފައެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1485 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ވަނީ އެދިފައެވެ.



