މި އަހަރުގެ މިހާތަނަށް އެންޓި ސްކޭމް ސެންޓަރުން ޖުމުލަ 1,663 މައްސަލަ ބަލައި، އޭގެ ތެރެއިން ގާތްގަނޑަކަށް 8.5 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާކަން ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ. އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ ސްކޭމް އަދި ސައިބަރ ކްރައިމްއާ ގުޅޭ ފަހުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ.
ސްކޭމްތަކާ ދެކޮޅަށް އެޅުނު ފިޔަވަޅުތަކަށް ބަލާއިރު، ކޯޓު އަމުރުގެ ދަށުން 754 އެކައުންޓެއް ފްރީޒްކޮށްފައިވާއިރު، ކުއްލި ހާލަތްތަކުގައި 48 ގަޑިއިރުގެ ތެރޭގައި 2,946 އެކައުންޓެއް ފްރީޒްކޮށްފައިވެއެވެ. މީގެ އިތުރުން 72 ވަސީލަތެއް ހިފަހައްޓައި، 18 ސަރޗް އެންޑް ސީޒް އޮޕަރޭޝަން ހިންގާފައިވެއެވެ. މި މައްސަލަތަކާ ގުޅިގެން 14 މީހަކު ހައްޔަރުކޮށްފައިވާއިރު، ސްކޭމާ ގުޅުންހުރި 54 ލިންކެއް ނައްތާލައި، 727 ޑިވައިސް ބްލެކްލިސްޓްކޮށް، 237 ސިމްކާޑު ވަނީ ބްލޮކްކޮށްފައެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި ގިނަ ސްކޭމްތައް ހިންގަނީ ފޭސްބުކް މާކެޓްޕްލޭސް، ވައިބަރ، ޓެލެގްރާމް، ވަޓްސްއެޕް އަދި އިންސްޓަގްރާމް ފަދަ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށްގެންނެވެ. އެންމެ އާންމުކޮށް ހިނގާ ސްކޭމްތަކުގެ ތެރޭގައި އީ-ކޮމާސް، ކަރަންސީ އެކްސްޗޭންޖް، އިންޕަރސޮނޭޝަން ސްކޭމް، އިންވެސްޓްމަންޓް ސްކޭމް އަދި ފިޝިންގ ހިމެނެއެވެ.
ސައިބަރ ކްރައިމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރާ އަޅާބަލާއިރު މި އަހަރު ސައިބަރ ކްރައިމްގެ މައްސަލަތައް 90.2 އިންސައްތަ ވަނީ އިތުރުވެފައެވެ. މީގެ ތެރޭގައި ބަރަހަނާ މަންޒަރު ބޭނުންކޮށްގެން ބިރުދެއްކުމާއި، ބްލެކްމެއިލް ކުރުމާއި، ސައިބަރ ބުލީކުރުމުގެ މައްސަލަތައް ހިމެނެއެވެ. ސޯޝަލް މީޑިއާ އަދި ފޯން ހެކް ކުރުމުގެ 71 މައްސަލައެއް ހުށަހެޅިފައިވާއިރު، 1,095 ފަރާތަކަށް މިފަދަ ހާދިސާތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
މި ބައްދަލުވުމުގައި މައުލޫމާތު ދެއްވީ ސައިބަރ ކްރައިމް ސެންޓަރުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ސަމީޙް އާއި އެންޓި ސްކޭމް ސެންޓަރުގެ އިސް އޮފިސަރުންނެވެ.



