އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ކުރިއަށް އޮތް އަހަރުގެ އިސްތިރާތީޖީ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކުލަވާލި 2026 ވަނަ އަހަރުގެ އެކްޝަން ޕްލޭން މިއަދު ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ. މި ޕްލޭން އިފުތިތާޙުކޮށްދެއްވީ އިސްލާމީ މަރުކަޒުގެ ސެމިނާ ހޯލުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.
މިއަދު އިފުތިތާޙުކުރެވުނު އެކްޝަން ޕްލޭނަކީ 2026 ވަނަ އަހަރުގެ ތެރޭގައި އެކި ދާއިރާތަކުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މުހިންމު މަސައްކަތްތަކާއި މަޝްރޫއުތައް ހިމެނޭ ތަފްސީލީ ރޯޑްމެޕެކެވެ. މި ޕްލޭންގެ މަގުސަދަކީ ވުޒާރާގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް، ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ވަގުތަށް ހާސިލުކުރުން ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، 2024 އަދި 2025 ވަނަ އަހަރުވެސް އެ ވުޒާރާއިން އެކްޝަން ޕްލޭންތައް އެކުލަވާލައި ތަންފީޒުކޮށްފައިވާ ކަމަށެވެ. އަދި އެ ޕްލޭންތަކުގައި ހިމެނޭ ގިނަ ކަންތައްތަކެއް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ ފަދައިން، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އިސްލާމީ ނޫރު ފެތުރުމުގެ މުހިންމު މަސައްކަތް ކުރިއަށްދަނީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކަމަށެވެ. އަދި އިސްލާމީ އިރުޝާދުތައް ދިވެހި މުޖުތަމައުގެ ހުރިހާ ފަންތިއަކަށް ފޯރުކޮށްދިނުމަށް ވުޒާރާއިން ސާބިތުކަމާއެކު މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ވުޒާރާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތާއި ދެއްވާ އެއްބާރުލުމަށްޓަކައި ވަޒީރު ވަނީ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.



