އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑުގެ މަސްއޫލިއްޔަތުތައް ފުޅާކޮށް، ރާއްޖޭގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުންވެސް އެ އިދާރާއާ ހަވާލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި ބަދަލާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިދާރާގެ ނަން ‘އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް‘ގެ ނަމަށް ބަދަލުކުރައްވާފައެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ނިންމެވުމަކީ ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ނިޒާމު މިހާރު އެކަށައަޅާފައިވާ ފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިން، ރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ނިންމެވި ނިންމެވުމެކެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު އެއް މަގްސަދަކީ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ ވަކި އިދާރާއަކުން ތަރުތީބުވެގެން ކުރާ ގޮތަށް ހަމަޖެއްސުމެވެ.
މީގެ ކުރިން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މައިގަނޑު ގޮތެއްގައި ބަލަހައްޓަމުން ދިޔައީ ވައިގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަމެވެ. ނަމަވެސް، އަލަށް ގެނެވުނު މި ބަދަލާއެކު، ކަނޑުގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާވެސް އެ ކޮމާންޑުގެ ދަށަށް ބަދަލުކުރެވިފައެވެ.



