ވަޒީފާއިން ރިޓަޔާކުރުމަށްފަހު، އަލުން ސަރުކާރުގެ ވަޒީފާއަށް ނުކުންނަ ނަމަ، ރިޓަޔަމަންޓް ޕެންޝަން ލިބުން ހުއްޓޭ ގޮތަށް ސިވިލް ސާވިސް ގަވައިދު މިއަދު އިސްލާހު ކޮށްފިއެވެ.
ސިވިލް ސާވިސް ގަވައިދަށް ގެނައި ބަދަލުގައި ބުނެފައިވަނީ، ވަޒީފާއިން މުސްކުޅި ކޮށްފައިވާ މުވައްޒަފަކު އަލުން ދައުލަތުގެ މަގާމަކަށް އިންތިޚާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް ހަމަޖެހިއްޖެ ނަމަ އެ ވަޒީފާގައި ދެމި ހުންނަ މުއްދަތުގައި އެ ފަރާތަކަށް މުސްކުޅިކުރުމުގެ އިނާޔަތެއް ނުލިބޭނެ ކަމަށެވެ. މި ގޮތުން ކުރިން ލިބެމުންދިޔަ މުސްކުޅި ކުރުމުގެ އިނާޔަތުގެ ފައިސާ މަހުންމަހަށް އަލުން ދޫކުރަން ފެށޭނީ، އެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެންނެވެ.
ގަވައިދުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ރިޓަޔާކޮށްފައިވާ ފަރާތެއް އަލުން ވަޒީފާއަށް ނުކުންނަ ނަމަ ވަޒީފާ އަދާކުރަން ފަށައިފައިވާކަން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އަންގަންވާނެއެވެ. އަދި މިފަދަ މަޢުލޫމާތެއް ނާންގައި އޮތުމުގެ ސަބަބުން ވަޒީފާގައި ހުރި މުއްދަތުގައި އިނާޔަތް ދޫކުރެވިއްޖެ ނަމަ، އެ ފައިސާ އަނބުރާ ދައްކަން ޖެހޭނެ ކަމަށްވެސް ގަވައިދުގައިވެއެވެ.
ރާއްޖޭގައި ރިޓަޔަކުރުމަށްފަހު، ދައުލަތުގެ އެކި އޮފީސްތަކުގައި މަސައްކަތް ކުރަމުން އަންނަ މީހުން ގިނަވަމުން އަންނައިރު، އޭގެތެރޭގައި ކުރީގެ ފުލުހުންނާއި ސިފައިން ހިމެނެއެވެ. މީގެ އިތުރުން، ބައެއް ކުންފުނިތަކުގައި މަސައްކަތްކޮށް ރިޓަޔަކުރުމުން އެ ކުންފުންޏަކުން ދޭ ޕެންޝަންގެ އިތުރަށް ރިޓަޔަމަންޓް ޕެންޝަން ލިބޭ “ޑަބަލް ޕެންޝަން” ލިބުން ވެސް ރާއްޖޭގައި އާންމުކަން ފާހަގަކުރެވެއެވެ.



