ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ހިނގާ ހުރިހާ ހަރަދެއް ސަރުކާރުގެ ހިލޭ ބޭސްފަރުވާގެ ނިޒާމް، އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމް މިއަދު ރަސްމީކޮށް ހަމަޖައްސައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތައް ފުއްދެވުމުގެ ގޮތުން، އިޖުތިމާއީ ރައްކާތެރިކަމާއި ސިއްހީ ދާއިރާއާ ގުޅުންހުރި މުހިއްމު ފަސް ޕްރޮގްރާމެއް މިއަދު ވަނީ އިފްތިތާހުކޮށްފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތްތައް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މަގުފަހިކޮށްދިން މި ހިދުމަތްތައް މާދަމާއިން ފެށިގެން އަމަލީގޮތުން ތަންފީޒުކުރަން ފަށާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
މި ނިންމުމުގެ ދަށުން، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ހިނގާ ހުރިހާ ހަރަދެއް އާސަންދަ ސްކީމްގެ ތެރެއިން ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން، ސިއްހީ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފޯރުކޮށްދޭ ހުރިހާ ބާވަތެއްގެ ތެރަޕީގެ ހިދުމަތްތަކަށް ހިނގާ ހަރަދުވެސް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.
އެންސްޕާއިން ފާހަގަކުރި ގޮތުގައި، މި ބަދަލަކީ ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ސަރުކާރުން ދޭ ހާއްސަ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.



