ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގެ ދަށުން “ސަސްޓެއިނަބަލް ޓައުންޝިޕް” އެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި “ޕްރޮޖެކްޓް އައިލާ” ގެ ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް (އެސް.އީ.ޒެޑް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. މި މަޝްރޫޢަކީ ކްރިސްޓަލް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓްސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢެކެވެ.
މި ޕްރޮޖެކްޓަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބޮޑު ބަދަލެއް ގެނެސްދޭނެ މަޝްރޫޢެއްކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ހާމަކުރި ގޮތުގައި މި މަސައްކަތް ފެށުމުން ދިވެހިންނަށް ގިނަ ވަޒީފާގެ ފުރުޞަތުތަކެއް ހުޅުވި، ޚާއްޞަކޮށް ޒުވާނުންނަށް ފަންނީ ހުނަރު ލިބިގަތުމުގެ މަގު ފަހިވެގެންދާނެއެވެ. ނ. އަތޮޅުގައި ތަރައްޤީކުރާ މި ޓައުންޝިޕަކީ ގާތްގަނޑަކަށް 12 ބިލިއަން ރުފިޔާގެ ބޮޑު އިންވެސްޓްމަންޓެކެވެ.
“ޕްރޮޖެކްޓް އައިލާ” ގެ ދަށުން ލަގްޒަރީ ވިލާތަކާއި ހައި-އެންޑް ހޯމްސް ހިމެނޭ ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓްތަކުގެ އިތުރުން، ބައިނަލްއަޤްވާމީ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކާއި ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އަލްޓްރާ ލަގްޒަރީ ޓޫރިސްޓް ރިޒޯޓް، ހޮޓެލް އަދި މެރީނާއެއް ޤާއިމުކުރުމުގެ ހުއްދަވެސް ވަނީ ދީފައެވެ.
މި މަޝްރޫޢުގައި ތިމާވެށްޓާ ރައްޓެހި ގޮތްތަކަށް ޚާއްޞަ އިސްކަމެއް ދީފައިވެއެވެ. އެގޮތުން ޒޯން ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ވާންޖެހޭނެއެވެ. އަދި ކުނި މެނޭޖްކުރުމަށް އަމިއްލައަށް ފުދިގެންވާއިންފްރާސްޓްރަކްޗަރެއް ޤާއިމުކުރުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޒަމާނީ ދަނޑުވެރިކަމާއި އެކުއަކަލްޗަރުގެ ވަސީލަތްތައްވެސް މި ޒޯނުގައި ޤާއިމުކުރެވޭނެއެވެ.
އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އިންވެސްޓަރު ކުންފުނި ކަމަށްވާ ކްރިސްޓަލް ހޯލްޑިންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޕެރަޓް ކްރިސްޓިކެވެ. ރައީސް އޮފީހުން ބުނީ މި ޒޯނަށް ކަނޑައެޅިފައިވާ އިނާޔަތްތަކާއި ޓެކްސް ނެގޭނެ އުސޫލުތައް ހިމެނޭ ޤަރާރު މިހާރު ޝާއިއުކޮށްފައިވާ ކަމަށެވެ.



