ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމި، މިހާތަނަށް 62 ހެކްޓަރުގެ ސަރަހައްދެއް ހިއްކައި ނިމިފައިވާ ކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި ފޭސް ތިނަކުން ޖުމްލަ ހިއްކުމަށް ހަމަޖެހިފައިވަނީ 63 ހެކްޓަރުގެ ބިމެވެ. އެހެންކަމުން މިހާރު ނުނިމި އޮތީ އެންމެ ހެކްޓަރެއްގެ މަސައްކަތެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން އެޗްޑީސީން ބުނީ، ބިން ހިއްކުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ވަރަށް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. މެދުކެނޑުމަކަށްފަހު ފޭސް 3 ގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަލުން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
މަސައްކަތް އަވަސްކުރުމުގެ ގޮތުން ސަރުކާރުން ވަނީ ބިންހިއްކުމުގެ ދާއިރާގައި ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ނެދަލޭންޑްސްގެ ބޮސްކާލިސްގެ 22,000 ސީބީއެމްގެ ބޮޑު ޑްރެޖަރެއް މި މަސައްކަތަށް ބޭނުންކުރަން ފަށާފައެވެ. މި ވަސީލަތްތަކާއެކު މަސައްކަތުގެ ދުވެލި ވަނީ ބޮޑުތަނުން އަވަސްވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ހުޅުމާލެ ފޭސް 3 ހިއްކުމުގެ ހުރިހާ މަސައްކަތެއް މި ހިނގާ މަސް ނިމުމުގެ ކުރިން އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. މި މަޝްރޫއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.



