ކުޑަކުދިން ގުރުއާނަށް އަހުލުވެރިކުރުވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދާ ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. އެގޮތުން އެއްވެސް ފީއަކާ ނުލައި ކުރިއަށްގެންދާ މި ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ ބުދަ ދުވަހު ހުޅުވާލުމާއެކު، 24 ގަޑިއިރުގެ ތެރޭގައި ވަނީ ހުރިހާ ސްލޮޓްތަކެއް ފުރިފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމްގެ ދަށުން 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 103 ކުދިންނަށް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ހުޅުމާލޭގައި ގުރުއާން ކްލާސްތަކާއި ދީނީ ދަރުސްތައް ކުރިއަށްގެންދިއުމަށްޓަކައި އެޗްޑީސީ އާއި އަލް އަސްރު ޖަމިއްޔާއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހިންގާ ހަރަކާތެކެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަޝްރޫއުގެ މަގްސަދަކީ ދީނަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމެވެ.
މި ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ އެކި މިސްކިތްތަކުގައެވެ. ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ސެޝަން ކުރިއަށްގެންދާއިރު، ކިޔަވައިދިނުން ބަހާލާފައިވަނީ ހެނދުނާއި ހަވީރުގެ ވަގުތުތަކަށެވެ. އަދި އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ވަކި ސެޝަންތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ކްލާސްތަކަށް ބޭނުންވާ ޓީޗަރުން ހަމަޖެއްސުމާއި އެ ފަރާތްތައް ތަމްރީނުކުރުމުގެ ޒިންމާ އުފުލާނީ އަލް އަސްރު ޖަމިއްޔާއިންނެވެ.
މި ކްލާސްތައް ފުރުމާއި ގުޅިގެން އިތުރަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ބަންދުކޮށްފައެވެ
އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަކީ މުޖުތަމައަށް ފައިދާހުރި ކަންކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކެކެވެ. އެ ކޯޕަރޭޝަނުން ބުނީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ތަފާތު ދީނީ އަދި އިޖުތިމާއީ ޕްރޮގްރާމްތައް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގުމަކީ އެ ކުންފުނީގެ މުހިންމު އަމާޒެއް ކަމަށެވެ.



