ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރުއަޅައިގެން ތަރައްގީކުރުމުގެ މަސައްކަތަށް މީގެ ދެ މަސް ކުރިން ބަންދުކުރި ނޯތު ހާބަރުގެ ސަރަހައްދު، ކަނޑު އުޅަނދުފަހަރަށް ރޭ 11:00 އިން ފެށިގެން އަލުން ހުޅުވާލައިފިއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 14 އިން ފެށިގެން އެ ސަރަހައްދު ބަންދުކުރީ ވަޅޯމަސް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ފުޅާކޮށް، ފަޅުން ބައެއް ހިއްކުމުގެ މަސައްކަތް ކުރުމަށެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނި ގޮތުގައި، މަގު ހެދުމުގެ މަސައްކަތް ނިމުމާ ގުޅިގެން މިހާރު އެ ސަރަހައްދު ވަނީ މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކަށާއި މަސް އޮޑިފަހަރަށް ހުޅުވާލާފައެވެ. ނަމަވެސް އެ ސަރަހައްދުގައި ބަނދަރު ކުރެވޭނީ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކަށް ފެތޭ އުޅަނދުތަކަށް އެކަނި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ބޭރަށް ޖައްސައި، މަގު ފުޅާކުރުމަށްފަހު ތާރުއަޅައި ނިންމައި މިދިޔަ ހަފްތާގައި ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ. މި މަގު މިހާރު ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކުރުމާ ގުޅިގެން، އެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. ބަނދަރު ބަންދުކޮށްފައި އޮތް މުއްދަތުގައި އުޅަނދުތަކުން މުދާ އަރުވައި ބޭލުމަށް ބޭނުންކުރީ ހުޅުމާލެ އާއި މާލޭގެ އެހެން ބައެއް ސަރަހައްދުތަކެވެ.
މި މަޝްރޫއުގެ ދެން އޮތް ފިޔަވަހީގެ މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ، ރަސްމީ ޖެޓީން ފެށިގެން އެމްޓީސީސީ ފެރީ ޓާމިނަލާ ހަމައަށް މަގު ހެދުމުގެ މަސައްކަތް ރޯދަ މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. މި މަސައްކަތް އަންނަ އޭޕްރީލް ނުވަތަ މެއި މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.



