މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދިޔަ 60 ބިދޭސީއަކު ހުއްޓުވައި، އެމީހުންގެ ލިޔެކިޔުންތައް ބަލައި ފާސްކުރުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހަރަކާތަކީ މާލޭގެ މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކޮށް، އެމީހުންގެ ގާނޫނީ ހާލަތު ދެނެގަތުމަށް ހިންގި ހަރަކާތެކެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން އިމިގްރޭޝަނުން ‘އެކްސް’ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ބަލައި ފާސްކުރެވުނު 60 ބިދޭސީންގެ ފަރާތުންވެސް ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން އެއްވެސް ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާކަންވެސް އެ މުއައްސަސާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ދަށުން، މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ރެއިޑް އޮޕަރޭޝަންތައް ވަނީ ހިންގާފައެވެ. މި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށް، ގަވާއިދާ ހިލާފުވި ފަރާތްތައް ޑިޕޯޓޭޝަން ސެންޓަރު މެދުވެރިކޮށް އަނބުރާ ގައުމަށް ފޮނުވުމުގެ މަސައްކަތްވެސް ދަނީ ހަލުވިކަމާއެކު ކުރެވެމުންނެވެ.
ސަރުކާރުން ކުރިއަށްގެންދާ މި އޮޕަރޭޝަންތަކަކީ ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާއި، އުސޫލުތަކާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެކެވެ.



