ކަނޑުމަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު 99,000 ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުންނެވެ.
މި މައްސަލައާ ގުޅޭގޮތުން ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު އަތުލައިގަނެފައިވަނީ މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
ރާއްޖެއަށް ވަގަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ އޮޕަރޭޝަންތައް ވަރުގަދަކޮށްފައެވެ.
ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ދާދިފަހުން ވިދާޅުވެފައިވަނީ، ފާއިތުވި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް 7,000 ވޭޕް ސްޓިކާއި ދެ މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގަނެވިފައިވާ ކަމަށެވެ. .



