މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބާންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ. މި މަހުގެ 1 ވަނަ ދުވަހު ގެޒެޓުކުރި އުސޫލާ އެއްގޮތަށް ކުރިއަށްގެންދާ ‘ގޯތި-ގެދޮރު’ ޕްރޮގްރާމުގެ ދަށުން، ކައިވެނިކޮށްގެން އުޅޭ މީހުންގެ ތެރެއިން އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް މި ސްކީމަށް ކުރިމަތިލެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ފުރުސަތު އަންނަ މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ގޯއްޗަށް އެދި ފޯމު ހުށަހަޅަން ޖެހެނީ ސަރުކާރުގެ ޚާއްޞަ ‘ބޯހިޔާވަހިކަން ޕޯޓަލް’ މެދުވެރިކޮށް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި ނިންމުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަން އޮތް ނަމަވެސް ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސީ ގޯތިގެދޮރުގެ ތަނަވަސްކަން ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ. މިއީ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫއެކެވެ. އުސޫލުގައިވާ ގޮތުން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.



