އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން ގަލްފުގެ ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާތައް އަމާޒުވަމުންދަނީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވޭތު އަދި ބަހްރެއިން ފަދަ ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަސްލަހަތު އޮތް ތަންތަނަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އީރާނުން ދެމުންދާ މި ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގަލްފުގެ ގައުމުތަކުގެ ވައިގެ ބަނދަރުތަކާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ދެމުންދާ ގެއްލުންތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ޖެނީވާ މުއާހަދާތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށެވެ.
ހާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގަލްފުގެ ގައުމުތަކުން އީރާނާ ދެކޮޅަށް އެއްވެސް އުދުވާނީ އަމަލެއް ހިންގާފައި ނުވަނީސް، އެ ގައުމުތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި މި ހަމަލާތަކުގެ ސަބަބުން އަންހެން ކުދިންގެ ސްކޫލްތަކަށާއި، ހޮސްޕިޓަލްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެކަމުގެ ކަންބޮޑުވުން ސަރުކާރުން ވަނީ ފާޅުކޮށްފައެވެ.
“މިކަމުގެ ސަބަބުން ގަލްފު ސަރަހައްދުގެ ނުތަނަވަސްކަން ދަނީ އިތުރުވަމުން، މި ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސުލްޙަ މަސަލަސްކަން ގާއިމުކުރުމަށް ހުރަސް އެޅެމުންދޭ،” ހާރިޖީ ވުޒާރާގެ ބަޔާނުގައި ވެއެވެ. މީގެ އިތުރުން މިހާރުން މިހާރަށް ހުރިހާ ފަރާތްތަކަކުންވެސް ހަނގުރާމަ ހުއްޓާލުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.
މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާތީ، ސަރަހައްދީ ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ޑިޕްލޮމެޓިކް އުސޫލުން މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށްވެސް ރާއްޖޭގެ ބަޔާނުގައި ބާރުއަޅާފައިވެއެވެ.



