މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ދައުލަތަށް 11.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. އެގޮތުން ޖެނުއަރީ މަހު ލިބުނު 5.9 މިލިއަން ރުފިޔާއާ އަޅާބަލާއިރު، ފެބްރުއަރީ މަހު ލިބުނު އާމްދަނީ ވަނީ 99.5 އިންސައްތަ އިތުރުވެފައެވެ. މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 17.9 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ.
މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އިތުރުވެފައި މިވަނީ ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލުތަކެއް އައިސްފައިވާ ދަނޑިވަޅެއްގައެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެންމެ ފަހުން ކަނޑައަޅާފައިވާ ގޮތުގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 19,527.90 ރުފިޔާއެވެ. މިއީ ކުރިން ނިސާބުގެ ގޮތުގައި ކަނޑައަޅާފައި އޮތް 11,191.95 ރުފިޔާއަށްވުރެ ބޮޑު އަދަދެކެވެ. މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، މަރުކަޒީ ބޭންކް އެމްއެމްއޭއިން ހާމަކުރާ އަގުތަކުގެ މައްޗަށް ބިނާކޮށެވެ.
މުދަލުގެ ޒަކާތަކީ އިސްލާމްދީނުގެ ފަރުޟަކަށްވާއިރު، މީހެއްގެ މުދަލުގައި ނިސާބު ހަމަވެ، އެ މުދަލަށް ހިޖުރީ ގޮތުން އެއް އަހަރު ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް ޒަކާތް ނެރުން ވާޖިބުވާނެއެވެ. ޒަކާތުގެ ގޮތުގައި ނެރެންޖެހެނީ މުދަލުގެ ޖުމްލަ އަދަދުގެ 2.5 އިންސައްތައެވެ..
ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަތުމުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސާފައިވަނީ މީރާ މެދުވެރިކޮށެވެ.



