ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވިޔަސް ބާރު އޮންނާނީ ރައްޔިތުންގެ އަތުގައި ކަމަށާއި، މިކަމުގެ ސަބަބުން ސިޔާސީ ޕާޓީތަކަށްވެސް ބޮޑެތި ފައިދާތަކެއް ވާނެ ކަމަށް ކުރީގެ މަޖިލިސް ރައީސް މުހައްމަދު ޝިހާބު މިއަދު ވިދާޅުވެއްޖެއެވެ. ޝިހާބު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
ޕީއެސްއެމްގެ “ހޭލުން” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، 1985 ވަނަ އަހަރުން ފެށިގެން މަޖިލީހުގައި 25 އަހަރު ވަންދެން މަސައްކަތް ކުރެއްވި ޝިހާބް ވިދާޅުވީ، އިންތިހާބުތައް އިރުއިރުކޮޅާ ބޭއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ރިޔާސީ އިންތިހާބާއި، މަޖިލީސް އިންތިހާބުގެ އިތުރުން ކައުންސިލް އިންތިހާބުވެސް އެއް ދުވަހެއްގައި ބޭއްވުމެވެ.
“އަޅުގަނޑުގެ ތަޖުރިބާގެ އަލީގައި، އަޅުގަނޑަށް ދެންނެވޭނީ، އަޅުގަނޑު ގަބޫލުކުރައްވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިންތިހާބާއި، މަޖިލީސް މެންބަރުންގެ އިންތިހާބާއި، ކައުންސިލް އިންތިހާބުވެސް، އެ ހުރިހާ އިންތިހާބެއް އެއް ދުވަހެއްގައި ބޭވިއްޖެއްޔާ ވަރަށް ބޮޑެތި ފައިދާތަކެއް ގައުމަށް ވާނެ ކަަމަށް،” ޝިހާބް ވިދާޅުވިއެވެ.
އިރުއިރުކޮޅާ އިންތިހާބު ބޭއްވުމުގެ އެންމެ ބޮޑު އެއް ނޭދެވޭ އަސަރަކީ ދައުލަތުން ކުރަންޖެހޭ ހަރަދު ބޮޑުވުން ކަމަށް ޝިހާބް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ތިން އިންތިހާބު ވަކިވަކިން ބާއްވަން ޖެހުމުން، އިލެކްޝަންސް ކޮމިޝަނާއި އިންތިހާބުތަކާ ގުޅޭ އެހެން މުއައްސަސާތަކަށް ބޮޑު ބުރައެއް އުފުލަން ޖެހެއެވެ. ނަމަވެސް އިންތިހާބުތައް އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ފައިސާއެއް ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ ސިޔާސީ ޕާޓީތަކަށްވެސް މާލީ ގޮތުން ލިބޭނެ ލުޔެއް ކަމަށް ޝިހާބް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮންމެ އިންތިހާބަކަށް ޕާޓީތަކުން ބޮޑު ހަރަދެއް ކުރަން ޖެހޭއިރު، އިންތިހާބުތައް އެއްކޮށްލުމުން އެ ހަރަދުތައް ކުޑަވާނެ ކަމަށެވެ. އަދި މި ބަދަލާއެކުވެސް ދެ އިންތިހާބަށް މީހުން ހޮވުމުގެ ފުރިހަމަ ބާރު އޮންނާނީ ރައްޔިތުންގެ އަތުގައި ކަމަށާއި، އެއީ ރައްޔިތުންނަށް ދީފައިވާ ބާރެއް ކަމަށް އޭނާ ތަކުރާރު ކުރެއްވިއެވެ.
އިންތިހާބުތަކަށް ރައްޔިތުންގެ ހުންނަ ޝައުގުވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިހާބް ވިދާޅުވީ، އިރުއިރުކޮޅާ ވޯޓުލާން ނުކުންނަން ޖެހުމުން ރައްޔިތުންގެ ޝައުގުވެރިކަން ކުޑަވާކަން ތަފާސްހިސާބުތަކުން ފެންނަން އެބައޮތް ކަމަށެވެ. ހާއްސަކޮށް ރިޔާސީ އިންތިހާބަށް އޮންނަ ޝައުގުވެރިކަން ބޮޑުވި ނަމަވެސް، މަޖިލީސް އިންތިހާބާއި ކައުންސިލް އިންތިހާބުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މަޖިލީހުން ފާސްކުރި އިސްލާހުގައިވާ ގޮތުން، ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު ބާއްވަން ޖެހޭނީ އެކީގައެވެ. އަދި މަޖިލީހުގެ އުމުރަކީ ކޮންމެ ފަސް އަހަރެއްގެ ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ގުނާ މުއްދަތެއް ކަމަށްވެސް އެ އިސްލާހުގައި ކަނޑައަޅާފައިވެއެވެ.



