އީރާނުގެ ހާރްޖް އައިލެންޑަށް އެމެރިކާއިން ދިން ހަމަލާއަކީ، ސީދާ އަސްކަރީ ކުރިމަތިލުންތަކުން އިގްތިސާދީ ހަނގުރާމައަކަށް މި މައްސަލަ ބަދަލުވެގެން ދިޔުމުގެ ނިޝާނެއް ކަމަށް މާހިރުން ބުނަން ފަށައިފިއެވެ.
ގަތަރުގައި ހުންނަ ޖޯޖްޓައުން ޔުނިވާސިޓީގެ މެދުއިރުމަތީގެ ސިޔާސީ ކަންކަމާ ބެހޭ ލެކްޗަރާ ޒައިދޫން އަލްކިނާނީ އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މި ހަމަލާއާއެކު މަސްރަހު މިހާރު ފެންނަނީ އިގްތިސާދީ ހަނގުރާމައެއްގެ ސިފައިގައި ކަމަށެވެ.
އަލްކިނާނީ ފާހަގަކުރެއްވި ގޮތުގައި ފާއިތުވި ދެ ހަފުތާގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އިގްތިސާދަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. އަދި މިހާރު ދެ ފަރާތުންވެސް މަސައްކަތް ކުރަމުންދަނީ ސްޓްރެޓީޖިކް ގޮތެއްގައި އިގްތިސާދީ ފިއްތުންތައް ކުރިމަތިކުރުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
“މިހާރު ފެންނަނީ ދެ ފަރާތުންވެސް ފާޅުކަން ބޮޑު ގޮތެއްގައި ސަރަހައްދުގައި ހުރި އަނެކާގެ އިގްތިސާދީ ވަސީލަތްތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާ މަންޒަރު،” އަލްކިނާނީ ވިދާޅުވިއެވެ. އޭނާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި މިފަދަ ހަމަލާތަކުގެ ބޭނުމަކީ އަނެކާގެ އިގްތިސާދީ ބާރު ކަނޑުވާލުމެވެ.
މީގެ އިތުރުން، ދެ ފަރާތުންވެސް ގަސްދުގައި މި ފިއްތުންތައް އިތުރުކުރަމުންދަނީ އަނެކާ މަޝްވަރާގެ މޭޒަށް ގެނައުމަށް ނުވަތަ މަސްރަހު ފިނިކުރުމަށް މަޖުބޫރު ކުރުވުމުގެ މަގްސަދުގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ބަދަލާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށްވެސް އޭގެ އަސަރު ކުރުން އެކަށީގެންވެއެވެ.



