ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްގެ ފަރާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު، ސަރުކާރުގެ އެކި މުއައްސަސާތަކަށާއި ތަޢުލީމީ އިދާރާތަކަށް ބަހާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
މިދިޔަ ފެބުރުވަރީ މަހުގެ 23 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ކަދުރުތައް ރާއްޖެއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ ސަޢުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ހަދިޔާއާ ހަވާލުވެލެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މި ކަދުރުތައް މިހާރު ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކަށާއި، ކޮލެޖުތަކުގެ އިތުރުން ދީނީ ދާއިރާގައި މަސައްކަތްކުރާ އެކި ފަރާތްތަކަށް ބަހާފައެވެ. މިއީ ސަޢުދީ ސަރުކާރުން ރާއްޖެއަށް ދެއްވާ ޚާއްސަ އަހަންމިއްޔަތުކަމުގެ ރަމްޒެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
ކަދުރު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން، އަދި ސަޢުދީ ސަރުކާރުން ރާއްޖެއާ މެދު ބަހައްޓަވާ ގާތް ގުޅުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަޢުދީގެ އިސްލާމިކް މިނިސްޓަރު ޝައިޚް ޑރ. ޢަބްދުލްލަޠީފް ބިން ޢަބްދުލްޢަޒީޒް އާލްޝައިޚް ކުރައްވާ މަސައްކަތްޕުޅުތަކަށް މިނިސްޓަރު ތަޢުރީފު ކުރެއްވިއެވެ.
އާންމުކޮށް ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ސަޢުދީން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ..



