ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
މުޢިއްޒު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، މުޢިއްޒު ނިޔާވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައަކާއެކު ކަމަށެވެ. އަދި މުޢިއްޒަކީ ތެލަސީމިއާ ސޮސައިޓީގެ އިތުރުން އެޗްޑީސީގެ މުވައްޒަފުންގެ ކްލަބްގެ ރައީސްގެ ހައިސިއްޔަތުން ވެސް ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
“މަރްޙޫމްގެ ޢާއިލާއަށާއި، ތެލަސީމިއާ ސޮސައިޓީގެ މެންބަރުންނަށް އަދި އެޗްޑީސީގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވަން. މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަބްދުލްމުޢިއްޒު ޙަސަން ލަހައްޓަވާށި،” ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
މުޢިއްޒު ނިޔާވީ ސިއްޙީ ޙާލަތު ގޯސްވެގެން އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. މީގެ ކުރިން ވެސް އޭނާގެ ސިއްޙީ ޙާލަތު ބޮޑުވެ، ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައިވެއެވެ. މުޢިއްޒަކީ ރާއްޖޭގެ ތެލަސީމިއާ ކުދިންނާއި އެ އާއިލާތަކުގެ ޙައްޤުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވައި، ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.
ނިޔާވިއިރު މުޢިއްޒު ވަޒީފާ އަދާކުރައްވަމުން ގެންދެވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައެވެ. އޭނާ އެ ކުންފުނީގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާކަން ފާހަގަކުރެވެއެވެ.



