އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި، ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭ ރިފަރެންޑަމް ވޯޓުގެ ކެމްޕޭނަށް އަމާޒުކޮށްގެން ސަރުކާރު ހިންގާ ޕީއެންސީން މުޅި ރާއްޖޭގައި ކުރިއަށްގެންދާ “ދޮރުން ދޮރަށް” ހިނގުމުގެ ބޮޑު ހަރަކާތް މިއަދު ފަށައިފިއެވެ. މިއީ އެއް ދުވަހެއްގެ މަތިން މުޅި ރާއްޖޭގައި އެއްފަހަރާ ކުރިއަށްގެންދާ ހަރަކާތެކެވެ.
ޕީއެންސީގެ ސެކްރެޓްރީ ޖެނަރަލް މުއާޒު ހަލީމް ވިދާޅުވި ގޮތުގައި، މި ހަރަކާތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ދެ ސެޝަނަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދު ހަވީރު 16:00 އިން 17:30 އަށް ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައިވާއިރު، މިރޭ 21:30 އިން 22:30 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ހަރަކާތް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކެމްޕޭން ހަރަކާތްތައް އިންތިޒާމުކުރަނީ ޕާޓީގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާޙްގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. މި މަސައްކަތް ކުރިއަށްދަނީ އެލް.ސީ.އީ ޓެކްނިކަލް ކޮމިޓީގެ އިރުޝާދާއި ލަފާގެ މަތިން، ކޮންގްރެސް ޕާޓީގެ ހުރިހާ ދާއިރާ ރައީސުންނާއި ސްޓިއަރިންގ ކޮމިޓީތައް ގުޅިގެންނެވެ.
އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީން ކެމްޕޭންގެ ހަރަކާތްތައް ވަރުގަދަކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ކެންޑިޑޭޓުންނާއެކު ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ފައްޓަވާފައެވެ. ހަފްތާގެ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ކުރިއަށްގެންދާ މި ހަރަކާތުގެ ދަށުން ރައީސް ވަނީ މާލޭގެ ހަތަރު އަވަށާއި، ވިލިމާލެ އަދި ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.



